ހަމާސްއިން ވެރިކަން ކުރަމުން އަންނަ ފަލަސްތީނުގެ ޣާޒާގައި ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތި މިދިޔަ މަހުގެ މުސާރަ ދިނުން މަޑުޖައްސައިލައިފި އެވެ.
ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި މުސާރަ ދިނުމުގައި ލަސްވެގެން އުޅެނީ މުސާރައިގެ އެހީގެ ގޮތުގައި ގަތަރުން ދޭ ފައިސާ އައުން ލަސްވުމުންނެވެ. ފަލަސްތީނުގެ ސަރުކާރުގެ މުއަޒަފުންގެ މުސާރަ ދިނުމާއި އެނޫންވެސް އެހެން ޚިދުމަތްތަކަށް ގަތަރުން ދޭ އެހީއަކީ އެއާނުލައި އުޅުން ދަތި އެހީއެކެވެ.
މުސާރަ ނުދެވުމުގެ މައްސަލައިގައި މުއައްޒިފުންގެ ފާޑު ކިޔުން ހަމާސްއަށް އަންނަނީ ކުރިމަތިވަމުންނެވެ. ހަމާސް އިން ބުނާގޮތުގައި ޓެކްސްގެ ގޮތުގައި ލިބޭ ފައިސާގެ މިންވަރު މަދުވުމާއި ޚަރަދު ބޮޑުވުމަކީ މުސާރަ ދޭން އިތުރަށް ދަތިވާ ސަބަބުތަކެވެ.
ޣާޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުންނަކީ ފަގީރު ހާލުގައި އުޅޭ މީހުންނެވެ. ގައުމު ހިންގުމުގެ ބޮޑުބައި ބަރޯސާވާން ޖެހިފައި އޮންނަނީ ބޭރުގެ ހިލޭ އެހީގެ މައްޗަށެވެ. 2014 ވަނަ އަހަރުން ފެށިގެން ޣާޒާގެ ކޮންސްޓްރަކްޝަންގެ މަސައްކަތްތަކަށް ގަތަރުން ވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުކޮށްފަ އެވެ. މިހާރު ވެސް އެ ގައުމުން އަންނަނީ ކޮންމެ މަހަކު 30 މިލިއަން ޑޮލަރުގެ އެހީ ޣާޒާއަށް ދެމުންނެވެ. އެ ފައިސާއަކީ ހާލުގައި އުޅޭ އާއިލާތަކަށް ބޯފެނާއި ކަރަންޓު ފަދަ ކަންކަމުގައި ހޭދަ ކުރުމަށާއި ސަރުކާރުގެ މުއައްޒަފުންގެ މުސާރަ ދިނުމަށް އެހީތެރިވުމަށް ދޭ އެހީ އެވެ.
ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި މި މަހުގެ މުސާރަ ދިނުމަށް މިހާތަނަށް އެއްވެސް އެހީ އެއް ނުލިބެ އެވެ. އެހެން ނަމަވެސް މުސާރައިގެ ކަންތައް ހަމަޖެއްސޭތޯ ސަރުކާރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
އެހީ ލަސްވީ ކީއްވެގެން ކަމެއް ސީދާ ނޭނގެ އެވެ. މި މައްސަލައިގައި ގަތަރުން ވަކި އެއްޗެކޭ އަދި މިހާ ތަނަކަށް ނުބުނެ އެވެ.