ރޯޑްޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ގުޅޭ ގޮތުން ދޮގު ހަބަރުފަތުރާ ކަމަށް ބުނެ އެކުންފުނިން ދިޔަރެސް ނޫހާއި ދެކޮޅަށް ދައުވާ ކުރަން ނިންމައިފި އެވެ.
އާރްޑީސީން ބުނީ އާރުޑީސީއާއި ގުޅޭ ގޮތުން ސައްހަނޫން ދޮގު ހަބަރު ފަތުރަމުންގެންދާ ކަމަށެވެ.
ދިޔަރެސް ނޫހުގެ ފަރާތުން ސައްހަކަން ކަށަވަރުކުރުމެއްނެތި ފަތުރަމުން ގެންދާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ސަބަބުން އެ ކުންފުނީގެ ނަން ހުތުރުވަމުންދާ ކަމަށެވެ. އާރްޑީސީއާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލި އެ ކުންފުންޏަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
އާރްޑީސީން ބުނި ގޮތުގައި އެކަން ހުއްޓުވުމަށްޓަކައި އެ ކޯޕަރޭޝަނުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށާއި މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ވަނީ ނިންމައިފަ އެވެ.
އާރުޑީސީގެ އެކައުންޓުން އެކުންފުނީގެ ސީއެފްއޯގެ އަމިއްލަ އެކައުންޓަށް ފައިސާ ފޮނުވާފައިވާ މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ. އެމައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނެފައި ވަނީ އާރުޑީސީގެ އެކައުންޓުން އެކުންފުނީގެ މެނޭޖަރެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށާ އެ އެކައުންޓުން އެހެން އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އެހެންވެ އެއީ ކޮން ބޭނުމަކު ކޮށްފައި ހުރި މުއާމަލާތްތަކެއްތޯ ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެ އެވެ.
އާރުޑީސީގެ އެކައުންޓުން އެކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރު ޔާސިރު ހަސަންގެ އެކައުންޓަށް ޖަމާ ކޮށްފައިވާ 13.8 މިލިއަން ރުފިޔާ އަކީ 2019 ވަނަ އަހަރުން ފެށިގެން ޕެޓީ ކޭޝްގެ ގޮތުގައި ޖަމާކުރި ފައިސާ ކަމަށް އޭނާ ވަނީ މީގެ ކުރިން ބުނެފަ އެވެ.
އާރުޑީސީ އިން ގެއްލުނު 13.8 މިލިއަން ރުފިޔާ ޖަމާކޮށްފައިވަނީ ޔާސިރު ހަސަންގެ އެކައުންޓަށެވެ. އަދި އޭނާގެ އެކައުންޓުން ކުންފުނީގެ އެހެން މުވައްޒަފުންގެ އެކައުންޓަށް ވެސް ފައިސާ ޖަމާކޮށްފައިވެ އެވެ.