އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން އާއި އިންތިހާބީ ނައިބު ރައީސް ކަމާލާ ހެރިސް ހުވާ ރަސްމިއްޔާތު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

މި ރަސްމިއްޔާތުގައި އެމެރިކާގެ ގައުމީ ސަލާމް ކިޔުމަށް ހަމަޖެހިފައި ވަނީ މަޝްހޫރު ލަވަކިއުންތެރިޔާ ލޭޑީ ގާގާ އެވެ. އަދި މިއުޒިކަލް ގެސްޓެއްގެ ގޮތުގައި ޖެނިފާ ލޯޕޭޒްގެ ހުށައެޅުމެއް ވެސް ފެނިގެންދާނެ އެވެ.

"އެމެރިކާގެ 59 ވަނަ އިނޯގްރަލް ރަސްމިއްޔާތުގެ ބައިވެރިން މި އިއުލާނުކުރަނީ ފަހުރުވެރިކަމާއެކު. މި ބައިވެރިން ދައްކުވައިދޭނީ މި ގައުމުގެ ވަރުގަދަ ޑައިވާސިޓީ. އިންތިހާބީ ރައީސް ޖޯ ބައިޑެން އާއި އިންތިހާބީ ނައިބު ރައީސް ކަމާލާ ހެރިސް ހުވާކުރައްވާއިރު އަހަރެމެން މި ފާހަގަކުރަނީ ރައީސުންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުތަކުގެ ދުވަސްވީ ސަގާފަތްތައް. މިރަސްމިއްޔާތުގެ ހުށައެޅުންތައް ދައްކުވައިދޭނީ އެމެރިކާގެ ތާރީހުގައި އާ ސަފުހާއެއް ހުޅުވިގެންދާ ތަން،" ޕްރެޒިޑެންޝިއަލް އިނޯގްރަލް ކޮމިޓީގެ ސީއީއޯ ޓޯނީ އެލެން ނެރުއްވި ބަޔާނެއްގައިވެ އެވެ.

އޮބާމާ- ބައިޑެން ވެރިކަމުގައި ލޭޑީ ގާގާ ވަނީ ބައިޑެންއާއެކު "އިޓްސް އޮން އަސް" ކެމްޕެއިންގައި ވަރަށް ގާތުން މަސައްކަތްކޮށްފަ އެވެ. މި ކެމްޕެއިނަކީ ކޮލެޖް ކެމްޕަސްތަކުގައި ހިނގާ ޖިންސީ ގޯނާތައް ހުއްޓުވުމަށް ކުރިއަށް ގެންދެވުނު ކެމްޕެއިނެކެވެ.