ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފްގެ އުފަން ދުވަސް މިއަހަރު ވެސް ރާއްޖޭގައި ފާހަގަކޮށްފި އެވެ.
ކެޓްރީނާގެ 40 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވާއިރު، އޭނާގެ ފިރިމީހާ އެކްޓަރު ވިކީ ކޯޝަލް ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ. އަދި އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައިވެ އެވެ. ނަމަވެސް ވިކީގެ ޕޯސްޓުން އެ މީހުން ތިބީ ކޮން ރިސޯޓެއްގައި ކަމެއް ސާފެއް ނުވެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކެޓްރީނާ އާއި ވިކީ ރާއްޖެ އައީ އޭގެ ހަފުތާއެއް ކުރިން ދެމަފިރިން އެމެރިކާއަށް ކުރި ޗުއްޓީ ދަތުރެއް ނިންމާލުމަށް ފަހު މިމަހުގެ 14 ވަނަ ދުވަހު އެވެ. ތިން ދުވަހު ރާއްޖޭގައި ތިބުމަށްފަހު އެމީހުން އަނބުރާ އިންޑިއާގެ މުމްބާއީއަށް ދިޔައީ އިއްޔެ އެވެ.
ކެޓްރީނާއަށް 40 އަހަރު ފުރުނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
ކެޓްރީނާގެ 39 ވަނަ އުފަން ދުވަސް ވެސް މިދިޔަ އަހަރު ފާހަގަކުރީ ރާއްޖޭގަ އެވެ. އެފަހަރު އެ ދެމަފިރިންނާއި އެކުގައި ބޮޑު ޓީމެއް ވަނީ ޗުއްޓީއަށް އައިސްފަ އެވެ.
ކެޓްރީނާ މިހާރު މަސައްކަތް ކުރަމުން ދަނީ ސަލްމާން ހާންއާއިއެކު ފިލްމު "ޓައިގާ 3" ގަ އެވެ. އަނެއްކޮޅުން ވިކީ މިހާރު މަސައްކަތް ކުރަމުން ދަނީ "ދުންކީ" ގަ އެވެ.
މިފިލްމުގައި ވިކީގެ އިތުރުން ޝާހުރުކް ހާން އާއި ތާޕްސީ ޕައްނޫ ވެސް ފެންނާނެ އެވެ.