ގއ. ދެއްވަދުއިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އުފެދިފައިވާ ބޮޑު ކްލާސްޓާގައި 100 އަށް ވުރެ ގިނަ ހައިރިސްކު މީހުން ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ގެ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އައިމިނަތު އަރޫޝާ ވިދާޅުވީ، ދެއްވަދޫ ކްލާސްޓާއާ ގުޅިގެން 750 އަށް ވުރެ ގިނަ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށެވެ. އަދި އެ ކްލާސްޓާގެ ކޮންޓެކްޓުންގެ އަދަދަކީ 250 ކަމަށާއި އޭގެތެރޭގައި 101 ހައިރިސްކު ކެޓަގަރީގެ މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެއްވަދޫގައި އެކަނި މިވަގުތު 38 މީހަކު ޕޮޒިޓިވްވެފައި އެބަތިއްބެވެ. އެރަށަށް ބަލި ދިޔައީ ކޮން ގޮތަކުން ކަމެއް އަދިވެސް ހޯދިފައެއް ނުވެ އެވެ.

ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެރަށަށް ބަލި ދިޔައީ ސީދާ ކޮންގޮތަކުން ކަން ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެ ކްލާސްޓާ އާ ގުޅިގެން ދެއްވަދުއަށްފަހު ދެން މޮނިޓަރިންގެ ހާލަތަށް ގެނައީ ލ. ފޮނަދު އާއި ގަމެވެ. އެއީ ދެއްވަދުއަށް ދިޔަ ދެ މީހަކު ފޮނަދުއިން ޕޮޒިޓިވްވުމުންނެވެ. އެއަށްފަހު ދެއްވަދޫ މީހަކާ ކޮންޓެކްޓްވި ބައެއް މީހުން ޕޮޒިޓިވްވުމާ ގުޅިގެން ގއ. ދާންދު އާއި ގއ. ވިލިނގިލި ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެ ކްލަސްޓާގައި ހިމެނޭ ޕޮޒިޓިވް ދެ މީހަކު ހުޅުމާލޭގައި ވެސް އެބަ ތިއްބެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އެޗްޕީއޭ އިން މިއަދު ވަނީ ގއ. އަތޮޅު ފެރީ "ކޮއިމަލާ 4" އިން މި މަހުގެ ނުވަ ވަނަ ދުވަހު ދަތުރުކުރި އެންމެން ކަރަންޓީނުވުމަށް އަންގާފަ އެވެ.

އެޗްޕީއޭ އިން ބުނީ އެގޮތަށް ނިންމީ ދަތުރުފަތުރު ކުރުމުގައި އަމަލުކުރަން ޖެހޭ ގައިޑްލައިނާ ޚިލާފަށް އެ ފެރީން އެ ދުވަހު މީހުން ދަތުރުކޮށްފައިވާތީ ކަމަށެވެ. އެ ފެރީން ދަތުރު ކުރި މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.