ހއ. ތުރާކުނު ކައުންސިލުން އެދުނު ގޮތަށް އެރަށާއި ކަރީގައި އޮންނަ ފަޅު ރަށް ކަމަށްވާ ވަނގާރު އެރަށުގެ އިހްތިސޯސްގެ ތެރޭގައި ހިމަނައިދެއްވާނެ ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މިހާރު ހއ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ތުރާކުނު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެރަށާއި ކައިރީގައި އޮންނަ ފަޅުރަށް ކަމަށްވާ ވަނގަރު އެރަށުގެ އިހްތިސޯސްގެ ތެރޭގައި ހިމަނާނެ ކަމަށެވެ.

"ވަނގާރަކީ މިވަގުތު ޓޫރިޒަމް ތަރައްގީ ކުރުމަށް ލިސްޓުކޮށްފައި އޮތް ރަށެއް. އެހެން ނަމަވެސް ކައުންސިލުގެ އެދުމާއި, ރައްޔިތުންގެ އެދުމާއެކު އެރަށް ޓޫރިޒަމްގެ ލިސްޓުން ވަކިކޮށް, ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތް ހަދައިދޭނަން," ރައީސް ސޯލިހު ވިދާޅުވި އެވެ.

ތުރާކުނުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ކެމްޕޭން

ތުރާކުނަކީ އާބާދީ މަދު، އެހެން ރަށްތަކާ އެކަހެރި ރަށެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެއީ ތަރައްގީއަށް އޮތް ހުރަހެއް ކަމަށް ދެކިގެންނުވާނެ ކަމަށެވެ. އަދި އާބާދީ މަދުވުމަކީ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދިނުމަށް އޮތް ބަހަނާއެއްގެ ގޮތުގައި ނުބަލާކަމަށް ރައީސް ވިދާޅުވި އެވެ.

ތުރާކުނުގައި މިދައުރުގައިވެސް ގިނަ މަޝްރޫއުތަކެއް ހިންގިކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ތުރާކުނުގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިމަޝްރޫއުގެ ސަބަބުން އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭރުން [ތުރާކުނުގެ ބިން ހިއްކުމުން] ތިބޭފުޅުން ބޭނުންވާހެން ބިމުގެ ދަތިކަމަށް ހައްލު ލިބި, ވަނގާރު ބޭނުން ކުރެވޭ ގޮތަށް ވުމުން މިރަށަށް ދިމާވެފައި މިއޮތް ބިމުގެ ދަތިކަމަށް އަދި އެގްރިކަލްޗާ މަސައްކަތަަށް ވެސް އެރަށް ބޭނުންކުރުމުގެ ފުރުސަތު ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ތުރާކުނުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ތުރާކުނަށް ދިމާވެފައިވާ އަރާފޭބުމުގެ މައްސަލަ ފާހަގަކުރައްވާފަ އެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ބަނދަރު ބޮޑު ކޮށްދެއްވުމަށް ވެސް އެމަނިކުފާނު ވަނީ ވައުދުވެ ވަޑައިގަންނަވާފަ އެވެ. އަދި ޒުވާނުނާއި ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.