ހުރިހާ ޕާޓީ އަކުން އެއްބަސްވާ ރިޔާސީ ކެންޑިޑޭޓަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ކަމުގައި ހަމަޖެއްސުމަށް ޕީޕީއެމް އިން ބުނެފި އެވެ.
ޕީޕީއެމްއިން މިހެން ބުނެފައިވާއިރު ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް މިއަދު ވަނީ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓެއް ނެރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.
އެކަމާ ގުޅިގެން ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު 3 ޕާޓީއަކުން ބައްދަލުވެ އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަން ނިންމުމުގައި ޕީޕީއެމް އެއްބަސްވާނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވާ ކަމަށް މީޑިއާތަކަށް ދީފައިވާ މަޢުލޫމާތާއި ގުޅިގެން ޕީޕީއެމް އިން ބުނީ ރައީސް ސޯލިހުގެ ވެރިކަން ނިންމުމުގައި ރައީސް ޔާމީން އަކީ ޕާޓީތަކުން އެއްބަސްވާ ކެންޑިޑޭޓްކަމުގައި ހަމަޖެއްސެވުމަކީ މިޕާޓީން އެދޭ ގޮތް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް މިކޯލިޝަނުން މަރުޙަބާ ކިޔައި ޝުކުރު އަދާކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަކީ ރައީސް ޔާމީން ކަމަށާ ރިޔާސީ އިންތިޚާބު ރައީސް ޔާމީންއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިކޯލިޝަންގެ ފަރާތުން މާލެއާއި އަތޮޅުތަކުގައި ކުރިއަށްދާ ކަމުގައި ވެސް ޕީޕީއެމް ބަޔާނުގައި ބުނެފައިވެ އެވެ.
މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެއްކެންޑިޑޭޓަކު ނެރުމުގެ ފޯމިއުލާއަށް ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި ދަ ޑިމޮކްރެޓްސް އެއްބަސްވާ ކަމަށެވެ. އަދި މިކަމާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ރައީސް މައުމޫންގެ ޕާޓީއާވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕީޕީއެމް އިން މީގެ ކުރިން ވެސް މިހާރުވެސް ބުނަމުން އައީ އެހެން ޕާޓީއެއްގެ ފަހަތައް ނާރާނެ ކަމަށެވެ.