ސަރުކާރުން މިހާރު ބޮޑު ތިލަދުންމަތީގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކާއެކު މުޅި ބޮޑު ތިލަދުންމައްޗަށް އަންނާނީ ބޮޑު ބަދަލެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިހާރު ރިޔާސީ ކެމްޕޭނަށް ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެއަތޮޅު މޮޅަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ހއ. އަތޮޅުގެ ކޮންމެ ރަށަކަށް އެރި ނަމަވެސް މިއަދު ފެންނަނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ މަންޒަރު ކަމަށެވެ. މިމަޝްރޫއުތައް ނިމުމުން މުޅި ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހއ.މޮޅަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން.. ފޮޓޯ: ކެމްޕޭން ޓީމް

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ތިލަދުންމަތީގައި ހިންގާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މިމަޝްރޫއު ނިމުމުން ކައިރީގައި ހުރި ރަށްތަކުގެ ބިމުގެ އަގު އުފުލޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރ މި ސަރަހައްދަށް ފެނިގެންދާނީ މުޅިން އެހެން ތިލަދުންމައްޗެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހއ.އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ރައީސް ސޯލިހު މިއަދު މޮޅަދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި.. ފޮޓޯ: ކެމްޕޭން ޓީމް

"ތަފާތު ވިސްނުމުގެ މީހުންގެ ހިޔާލު އަޑުއެހުން، ކުރިމަތިވާ ގޮންޖެހުންތަކަށް ރައްދު ނުދީ ވިސްނުންތެރިކަމާއެކީގައި އެއަށް ހައްލު ހޯދުމަށް މަސައްކަތް ކުރުން. ވެރިކަމުގައި ތިބޭއިރު ކުރިމަތިވާނެ ގޮންޖެހުންތައް. އެހެން ނަމަވެސް އެ ހުރިހާ ކަމެއް އެއްފަރާތްކޮށްފައި ސަރުކާރުގެ އަމާޒަކަށްވީ، ވިސްނުމަކަށްވީ ކުރިއަށްދާނީ ތަރައްގީގެ މަޝްރޫއުތަކާ އެކުގައޭ. އޭގެ ނަތީޖާ މި ފެންނަނީ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރަށެއް ތަފާތުނުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގުން ކަމަށެވެ. ނަމަވެސް އެހެން ބަޔަކަށް ވެރިކަން ލިބިއްޖެނަމަ އެ ސިޔާސަތު ބަދަލުވެ ރަށްތަަކަށް ގެންނަން ފެށި ތަރައްގީ ހުއްޓި މާލެ ސަރަހައްދަށް މީހުން ޖަމާކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ހއ.އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ރައީސް ސޯލިހު މިއަދު މޮޅަދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި.. ފޮޓޯ: ކެމްޕޭން ޓީމް

"މިއަށް ބަދަލެއް ގެނެސްފިއްޔާ އަޅުގަނޑުމެން ކުރަން ފެށި މަސައްކަތްތައް އަނެއްކާވެސް ހުއްޓުމަކަށް އަންނާނެ. ވިސްނުންތެރިކަމާ އެކީގައި 9 ސެޕްޓެމްބަރުގައި ނިކުމެ އަޅުގަނޑުމެން މި ހޯދަން ބޭނުންވާ އުފާވެރި އަމާން ރާއްޖެ އަށް ދިޔުމަށްޓަކާ މޮޅަދޫގެ ރައްޔިތުން އަޅުގަނޑުމެންނާއެކު ތިއްބެވުމަކީ ވަރަށް ބޮޑު އެދުމެއް،" ރައީސް ވިދާޅުވި އެވެ.

ހއ.އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ކޮމަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން.. ފޮޓޯ: ކެމްޕޭން ޓީމް

ރާއްޖޭގެ އާބާދީ އެންމެ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ މޮޅަދޫ އަކީ އެމަނިކުފާނަށް އެންމެ ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ އެއް ރަށަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މޮޅަދޫ އަށް ފަހު ރައީސް ސޯލިހް ވަނީ އެ އަތޮޅު އިހަވަންދޫއަށް ވަޑައިގެންފަ އެވެ. މިރޭ އެރަށުގައި ބޮޑު ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.