އިދިކޮޅު ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އިހުތިޖާޖް ކުރަމުން ދިޔަ ވަގުތު އެތަން ކަވަރު ކަވަރު ކުރަން އުޅުނު ދެ ނޫސްވެރިން ކޮށްޕާލި ފުލުހުންގެ އެސްއޯ އޮފިސަރު ސަސްޕެންޑް ކޮށް އެމައްސަލަ ބަލަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަންގަވައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން މިއަދު ހަވީރު ޖުމްހޫރީ މައިދާނަށް ވަޑައިގެން އެތަނުގައި އިށީންދެ ތިއްބެވި އެވެ.

ޕީޕީއެމް އިން ބުނީ އެބޭފުޅުން އެތަނުގައި ތިއްބެވީ ޕެނަލް ޑިސްކަޝަންއެއް ދެއްވުމަށް ކަމަށެވެ.

އެބޭފުޅުން އެތަނުގައި ތިއްބެވި ވަގުތު އެތަނަށް ދިޔަ އެސްއޯ ފުލުހުން ވަނީ އެބޭފުޅުން އެތަނުން ހައްޔަރު ކޮށްފަ އެވެ. އެމަންޒަރުތައް ކަވަރު ކުރަން އުޅުނު ދެ ނޫސްވެރިއަކުވެސް ފުލުހުން ވަނީ ކޮށްޕާލާ އެތަނަށް ވައްޓާލާފަ އެވެ. އެމަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ. އަދި ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ ނޫސްވެރިން ކޮށްޕާލާ އެތަނަށް ވައްޓަލި އެސްއޯ އޮފިސަރު މިހާރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްސަލަ ބެލުމަށް އެސްއޯ ޔުނިޓް އަށް އަންގާފައިވާ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.

ޖުމްހޫރީ މައިދަނުގައި ތިއްބެވި ޕީޕީއެމް ކޯލިޝަންގެ އިސްބޭފުޅުން ކަމަށްވާ ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރަގެ މެމްބަރު އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގްއާ ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އެވެ.

އެބޭފުޅުން ޖުމްހޫރީ މައިދާން މެދުގައި އިށީންގެ ލައިގެން ތިއްބެވީ އެވެ. ފުލުހުން ވަނީ އެބޭފުޅުން އެތަނުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލްއޮފަ އެވެ.