ދ މީދޫ ދާއިރަގެ މެމްބަރު އަހުމަދު ސިޔާމް ހިލްޓަން ކުންފުންޏަށް ދައްކަން ޖެހޭ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ސިންގަޕޫރު އާބިޓްރޭޝަނުން ކުރި ހުކުމާއި އެއްގޮތަށް 3 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު ސިޔާމް ސިންގަޕޫރަށް ވަޑައިގަތުމުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާ ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެންނެވެ.

އެފައިސާ ހުކުމާ އެއްގޮތަށް ސަން ކުންފުނިން ދައްކަމުން ނުވާތީ ހިލްޓަން އިން ވަނީ ސިންގަޕޫރު ހައިކޯޓަށް ހުށަހަޅަފަ އެވެ. އެމައްސަލައިގެ އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހުވެސް ކުރިއަށް ދިޔަ އެވެ.

މިއަދު ހެނދުނު 8:00 ގައި ސިންގަޕޫރު ހައިކޯޓުގައި ކުރިއަށް ދިޔަ އަޑު އެހުމުގައި ނިންމާފައި ވަނީ ސަން ކުންފުނިން ދައްކަން ޖެހޭ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ތިން މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

މި މައްސަލައަކީ ނ. އިރުފުށި ހިންގުން ހިލްޓަންއަށް ދިނުމަށް ސަން ކުންފުނިން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލުކުރުމާ ގުޅިގެން ހިލްޓަންއިން ސިންގަޕޫރުގެ އާބިޓަރޭޝަނަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އާބިޓަރޭޝަނުން 24 މިލިއަން ޑޮލަރު ދިނުމަށް ސަންގެ މައްޗަށް އަމުރުކުރި މައްސަލަ އެވެ. ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅައިފަ އެވެ.

ސިޔާމް މިރޭ މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ސިޔާމް މާލެ ވަޑައިގަންނަވާނީ މިރޭ 10:00 ގަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.