ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިންގަޕޫރުގައި ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދިއްޖެ އެވެ.

އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އަދީބު ބޭސްފަރުވާއަށް ފުރާވަޑައިގެންނެވީ ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ކުރިން ބުނެފަ އެވެ.

ބޭސްފަރުވާއަށް އަދީބަށް ދެއްވި 10 ދުވަހުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ.

ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބުގެ ފަރާތުން މެޑިކަލްގެ މުއްދަތު އިތުރު ކުރެއްވުމަށް ކަރެކްޝަނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދީބު ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކަށް ބެއްލެވުމަށްފަހު ގޮތެއް ނިންމާނީ މެޑިކަލް ބޯޑުން ކަމަށް ކަރެކްޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެއިން ބޭރަށް މީގެ ކުރިން ބޭސްފަރުވާއަށް ދާ ގައިދީންނަށްވެސް ދެވޭ މުއްދަތުގައި ފަރުވާ ނުނިމިއްޖެ ނަމަ އިތުރު މުއްދަތު ދޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެކަމަށް ދޫކުރައްވާފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގަ އެވެ.

އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނި ގޮތުގައި އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، 2 މިލިއަން ރުފިޔާއިން ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރު އެވެ. އެހެންނަމަވެސް ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު ހުންނަވަނީ ގޭބަންދުގަ އެވެ.