އަބަދު ތޮފި އަޅައިގެން އުޅެންޏާ ތަލަވާނެ އޭ ބުނާ އަޑު ވަރަށް ގިނައިން އަހަމެވެ. މީގައި ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ކަމެއްތޯ ބަލާލުމުގެ ޝައުގުވެރިކަމާއެކު ހޯދި ހޯދުން ތަކުން އެނގުނު ބައެއް ކަންތައް ހިއްސާކޮށްލާނަމެވެ.

ހަމުގެ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރެއް ކަމަށްވާ ޑރ. ހެއިލީ ގޯލްޑް ބެޗް ބުނި ގޮތުގައި ގިނަ މީހުން ތޮފި އަޅަނީ ތަލަވާތީ އެކަން ފޮރުވާށެވެ. އެހެން ކަމުން ތަލަވަނީ އޭގެ ސަބަބުން ކަމަށް ބައެއް މީހުންނަށް ހީކުރެވިފައި އޮވެ އެވެ.

ނަމަވެސް ހަގީގަތުގައި ތޮފި އެޅުމަކީ ތަލަވުމަށް މެދުވެރިވާ ކަމެއް ނޫން ކަމަށް ޑރ. ހެއިލީ ބުންޏެވެ. ތަލަވުމަކީ ބޮޑަށް ވާރުތަ ކުރާ ކަމެކެވެ.

ތަލަވާ އިތުރު ސަބަބުތަކަށް ބަލާއިރު މާބާރަށް އިސްތަށިގަނޑު އައްސާފައި އޮންނަ ނަމަ އިސްތަށިތަކަށް ވާންވެ، ގިނަ ދުވަސްވުމުން އިސްތަށިތައް ބަލިކަށިވެ ފައިބަ އެވެ.

ތޮފި އަޅާ މީހުން ވެސް ބޮލަށް މާ ބާރުކޮށް ހުންނަ ތޮފި އަޅާ ނަމަ މި މައްސަލަ ދިމާވެދާނެ އެވެ. ގިނަ އިރުތަކެއް ވަންދެން ތޮފި އަޅައިގެން އުޅޭ މީހެއް ނަމަ ބޮޑަށް ރަނގަޅީ ބޮލަށް ދޫކޮށް ހުންނަ ތޮފި އެޅުމެވެ. މީގެ އިތުރުން ތޮފި ހަދާފައި ހުންނަ މެޓީރިއަލް އަކީވެސް ބޮލުން އިސްތަށި ފޭބުމުގައި ބޮޑު ރޯލެއް އަދާކުރާ ކަމެކެވެ.

މިސާލަކަށް ތޮފި ހަދާފައި ހުންން ފޮތީގެ ގޮތުން ބޮލުގެ ހަންގަނޑު އެލާޖިކްވެ، އިސްތަށިފައިބަން ފަށާފާނެ އެވެ. އެ މީހަކީ ޖެނެޓިކް މައްސަލައަކާ ގުޅިގެން ތަލަވަމުން ދާ މީހެއް ނަމަ މީގެ ސަބަބުން ތަލަވުން އަވަސްކޮށްލާނެ އެވެ.

މީގެ އިތުރުން ގަދަޔަށް ދާހިއްލާ މީހެއް ނަމަ މާގިނަ އިރު ތޮފި އަޅައިގެން ހުރުމުން ބޮލުން ދާހިއްލާ، ބޮލުގެ ތެރޭގައި ބެދިފައި ހުރުމުގެ ސަބަބުންވެސް އިސްތަށި ފޭބުމަށް މެދުވެރިވެދާނެ އެވެ.