އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއާރުއެމް އިން އެޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ނިކުންނަވާކަން ކަށަވަރުވެއްޖެ އެވެ.
މިއަހަރު ބައްވާ ރިޔާސީ އިންތިހާބު ބެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.
ރައީސް މައުމޫންގެ އެމްއާރުއެމް އިން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާކަން ވަނީ ހުރިހާ އަށް ކަށަވަރުވެފަ އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ރިޔާސީ އިންތިހާބަށް ފާރިސް ނިކުންނެވުމަށް ނިންމަވާ އިދާރީ ބައެއް މަސައްކަތްތައް ވަނީ ފައްޓަވާފަ އެވެ. އެގޮތުން ރެކޯޑު ސާފުކުރން ފަދަ މަސައްކަތްތައް މިހާރު ފާރިސް ވަނީ ފައްޓަވާފަ އެވެ.
އެމްއާރުއެމްގެ އޮފިޝަލަކު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްއާރުއެމް އިން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އެމްއާރުއެމް އުވާލިކަމުގައިވިޔަސް އެޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެމްއާރުއެމް އިން ބުނެ އެވެ.
އެމްއާރުއެމްގައި ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ.
އެމައްސަލ އެމްއާރުއެމް ިއން ކޯޓަށްވެސް ހުށަހެޅި އެވެ.
އެމްއާރުއެމް އުވާލަން އީސީ އިން ނިންމި ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކުރީ މެއި މަހުގެ 29 ވަނަ ދުވަހު އެވެ.
އެ މައްސަލަ އެމްއާރުއެމް އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެމްއާރުއެމް އިން އެދިފައި ވަނީ ޕާޓީ އުވާލުމަށް އީސީ އިން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އަންގާ ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ.
ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ޝަރީއަތުން ވަކި ގޮތެއް އަންގަންދެން އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށާއި އެމްއާރްއެމް އުވާލުމާއި ގުޅޭގޮތުން ނުވަތަ ކޮމިޝަންގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރާ ކަމަށެވެ.
އެމްއާރުއެމްއިން ބުނެފައި ވަނީ ޕާޓީ އުވާލުމާ ގުޅޭ އެހެން މައްސަލައެއް 30 ދުވަހުގެ ތެރެގައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އެހެންވެ ކޯޓުން އީސީގެ މައްޗަށް އަމުރު ނެރެފައި ވަނީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޕާޓީ އާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.
އެހެންވެ އެނިންމުން މަޑުޖައްސާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ސިވިލް ކޯތުގައި އެދިފަ އެވެ.