މިއަދު ރާއްޖޭގެ މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ، ރާއްޖެ އާއި ބައިނަލްއަގުވާމީ މުޖްތަމައާ ދެމެދު އޮތް ރަހްމަތްތެރި، ބަދަހި ގުޅުން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވިއިރު އަވައްޓެރި އިންޑިއާ އާ ހާއްސަ ގުޅުންތަކެއް ބާއްވައި ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ބޭތިއްބުމާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ފަދަސިއްރު އެކިއެކި އެއްބަސްވުންތައް އިންޑިއާއެކު ހަދަމުން ގެންދާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އިންޑިއާގެ ނަން ނުގެންނަވައި ރައީސް ސޯލިހު ވިދާޅުވީ، މިއަދު ރާއްޖޭގެ މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ، ރާއްޖެއާއި ބައިނަލްއަގުވާމީ މުޖްތަމައާ ދެމެދުގައި އޮތް ރަހްމަތްތެރި ބަދަހި ގުޅުން ކަމަށާ، އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ދިރުން ލިބި، ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ އާއިލީ ތަނަވަސްކަން އިތުރުވެފައިވާ ކަމަށެވެ. އަދި ކުރިމަގުގައި ވެސް އެމަނިކުފާނުގެ އެންމެ އިސް އަމާޒަކީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ދިވެހިންގެ މިލޮބުވެތި ފަސްގަނޑުގެ ސިޔާދަތީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށާއި ރާއްޖޭގެ ގަދަރާއި ކަރާމާތް ރައްކާތެރިކުރުމުގެ މަތިވެރި ޒިންމާ އަދާކުރުމުގައި، ސާބިތުކަމާއެކު ދެމިހުންނަވާނެކަމުގެ ޔަގީންކަން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިނިވަންކަމުގެ ހަގީގީ އުފަލަކީ، އެމީހެއްގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ހާސިލުވުމުގެ އުފާ ކަމަށެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، ދިވެހިން ތާއަބަދުމެ ފިކުރާވެ ތިބި އެބައިމީހުންގެ ޒާތީ މިނިވަންކަމަކީ، ދަރިންނަށް ކިޔަވައިދީގެން ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުމަތީ ކުރިއަށް ދެވޭނެ ގޮތްވުން ކަމަށެވެ.
މި ޖަލްސާގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަންކަމުގެ ތާރީހުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިނިވަންކަމުގެ ބަތަލުންގެ ޒިކުރާ އާ ކުރައްވާފައިވެ އެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މިއަދަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރުނު 59ވަނަ މިނިވަން ދުވަހެވެ.