މިއަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރަން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު އެންމެ ފާހަގަ ކޮށްލެވޭ ހަރަކާތަކަށް އޮތީ މާލޭގެ ބޮޑެތި މަގުތަކުގައި އޮންނަ ފުޅަނދު ބުރެވެ.
މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު މިނިވަން ދުވަހުގެ ފުޅަނދު ބުރަކީ ގިނަ ބަޔަކު އިންތިޒާރު ކުރާ ހަރަކާތެކެވެ. ހާއްސަކޮށް ކުޑަކުދިންގެ މެދުގައި މިއީ މަގުބޫލު ކަމެކެވެ.
އެގޮތުން ކޮންމެ އަހަރަކު ވެސް ތައްޔާރު ކުރެވޭ ފުޅަނދުބު ތަކަށް އަރައި ފޮޓޯ ނެގި މީހުން ވެސް އަހަރުމެންގެ ތެރޭގައި އުޅޭނެ އެވެ. އޭރުގެ ތުއްތު ކުދިންނެވެ. މިހާރުގެ ޒުވާނުންނެވެ.
ފުޅަނދުބުރުގެ ހަރަކާތުގައި ދެން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ބައިވެރިވާ މުއައްސަސާ ތަކުގެ މެދުގައި އޮންނަ ވާދަވެރިކަމެވެ. އެ މުއައްސަސާއަކުން ކުރާ މަސައްކަތް ދައްކުވައިދޭ އެންމެ ރީތި ފުޅަނދެއް ހަދަން ކޮންމެ މުއައްސަސާއަކުން ވެސް މަސައްކަތް ކުރެ އެވެ.
އަހަރުތަކަކަށް ދިވެހިންގެ ފުޅަނދުބުރުތައް މެދުކެނޑުމަށްފަހު މިއަހަރު ފުޅަނދުތައް އަލަށް ފެންނައިރު ގިނަ ބައެއްގެ ހިތުގައި ފުޅަނދު ބުރުގެ ޝައުގުވެރިކަން ވަނީ އުފެދިފަ އެވެ.
ކޮންމެއަކަސް މިނިވަން ދުވަހުގެ ފުޅަނދުބުރު ވެފައިވަނީ ގިނަ ދިވެހިންގެ ހިތްތަކުގައި ފެވިފައިވާ ހަނދާނަކަށެވެ. ހާއްސަކޮށް މިހާރުގެ ޒުވާނުންނަށް އެ މީހުންގެ ތުއްތުއިރު ފެނުނު ފުޅަނދު ތަކަކީ ކުޑައިރުގެ ހަނދާނެކެވެ.
މިއަހަރު އެ ހަނދާންތައް އަލުން އާކޮށްލަން ފުރުސަތު ލިބިފައިވާއިރު އިހުގެ ހަނދާންތަކާއި މިފަހަރުގެ މަންޒަރުތައް އަޅާކިޔާލުން ރަނގަޅުވާނެ އެވެ.