ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ނުހަދަން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ނިންމައިފި އެވެ.

ޢެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން މަޝްވަރާ ކުރުމަށް އެމްޑީޕީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެމްއާރްއެމްގެ ޒައީމް، ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދައުވަތު ދެއްވާފައިވާ ކަމަށާއި އެދައުވަތާ ގުޅިގެން މަޝްވަރާ ކުރުމަށް އެމްޑީޕީގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައިވާއިރު ނުރަސްމީކޮށް އަދި ލިޔެކިޔުމުން ކުރެވުނު މަޝްވަރާތަކުގައި އެމްއާރްއެމުން ތާއީދުކުރާ ސިޔާސަތުތައް ހާމަކޮށްފައިވާ ކަމަށް އެމްއާރްއެމުން ވަނީ ބުނެފަ އެވެ.

އެމްއާރްއެމުން ބުނީ މެއި ފުރަތަމަ ދުވަހުގެ ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު އެމްޑީޕީގެ ހުށަހެޅުންތައް އެމްއާރްއެމްގެ އެކްސްކޯއަށް ހުށަހަޅާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން ހުށަހެޅި ބައެއް ސިޔާސަތުތަކަށް އެމްއާރްއެމަށް އެއްބަސް ނުވެވޭތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު މަސައްކަތްކުރަން ނުފެންނަ ކަމަށް ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މިއަހަރުގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެމްއާރްއެމުން ވަނީ ބުނެފަ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް އެމްއާރްއެމަށް ދިން ދައުވަތަށް އެ ޕާޓީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކީގައި ކޯލިޝަން ހެދުމަށް ރައީސް ސޯލިހް ވަނީ ވަރަށް ގިނަ ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފަ އެވެ. އޭގެ ތެރޭގައި މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ، އެމްއާރުއެމް އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހިމެނެ އެވެ. މި ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާ އެކު ކޯލިޝަން ހެދީ އަދާލަތާއި އެމްޑީއޭ އެވެ.