ޔުކްރޭން މީހުން ހުއްދަ ހޯދައިގެން ނޫނީ ގައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް، ޕާލަމެންޓް މެންބަރެއް ކަމަށްވާ ޔޫރީ އެރިސްޓޯފް ވަނީ ދޮގު ލިޔުންތަކެއް ހުށަހަޅައިގެން ގައުމުން ބޭރަށް ދަތުރުކޮށް ރާއްޖޭގެ އިތާފުށީގައި މި މަހު ޗުއްޓީ ހޭދަކޮށްފައި. އެ މައްސަލަ އެ ގައުމުގެ ސަލާމަތީ ކަންކަމާ ބެހޭ އިދާރާތަކުން މިހާރު ދަނީ ބަލަމުން. މައްސަލަ ބަލަން ފެށުމުން އެރިސްޓޯފް ވަނީ އިސްތިއުފާ ދެއްވާފައި.

ކިއޭވް (ޖުލައި 27) - އޮޅުވާލުމެއްގެ ތެރޭން ޔުކްރޭނުގެ ޕާލަމެންޓް މެންބަރަކު އާއިލާއާ އެކު ރާއްޖެ އަށް ޗުއްޓީ އައި މައްސަލަ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބަލަން ފަށައިފި އެވެ.

ޔުކްރެނުގެ އޮފިޝަލުން ގައުމުން ބޭރަށް ދަތުރުކުރުން މިހާރު އޮންނަނީ މަނާކޮށްފަ އެވެ. އަދި ސިފައިންގެ އަށް ޚިދުމަތް ކުރެވޭ އުމުރުގެ (18 އަހަރާއި 60 އަހަރާ ދެމެދު) ފިރިހެނުން ގައުމުން ބޭރަށް ދާ ނަމަ ޚާއްސަ ހުއްދައެއް ހޯދަން ޖެހެ އެވެ.

ނަމަވެސް ޕާލަމެންޓް މެންބަރު ޔޫރީ އެރިސްޓޯފް ގައުމުން ބޭރަށް ދަތުރު ކުރުމަށް ދޮގު މައުލޫމާތު ދީފައިވޭތޯ ބެލުމަށް ސްޓޭޓް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެސްބީއައި) އާއި ޔުކްރޭނުގެ ސެކިއުރިޓީ ސާވިސް އިން މިހާރު ވަނީ ތަހުގީގެއް ފަށައިފަ އެވެ. އޮފިޝަލުން ބުނާ ގޮތުގައި ކުށްވެރިވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އައުން އެކަށީގެންވެ އެވެ. އެސްބީއައިގެ ތަހުގީގުގެ ފުރަތަމަ މަރުހަލާއިން އެނގިފައި ވަނީ ބަލިވެގެން ބޭހަކަށް ގައުމުން ބޭރަށް ދާ ކަމަށް ބުނެ ލިޔުން ހުށަހަޅައިގެން އެރިސްޓޯފާއި އޭނާގެ އަންހެނުން އަދި ދަރިން ވަނީ މި މަހު މެދެއްހާ ހިސާބުގައި، ރާއްޖޭގެ އަގު ބޮޑު ފަސް ތަރީގެ ރިސޯޓް އިތާފުށީގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އޭނާ ގައުމުން ބޭރުގައި ހޭދަކޮށްފައި ވަނީ ޖޫން 5 އިން ޖުލައި 22 އަށެވެ. ފުރަތަމަ ދިޔައީ ޕޮލެންޑަށް ތިން ދުވަހުގެ ވިޔަފާރި ދަތުރެއްގަ އެވެ. އޭގެ ފަހުން ލިތުއޭނިއާ އަށް ވެސް ދަތުރުކުރި އެވެ. އެރިސްޓޯފް ރާއްޖޭގައި ޗުއްޓީ ހޭދަކުރާކަން ފަޅާއަރުވާލީ ޔުކްރޭނުގެ މީޑިއާ އިންނެވެ.

އުމުރުން 48 އަހަރުގެ އެރިސްޓޯފަކީ ޕާލަމެންޓުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރެވެ. އަދި އޭނާ އަކީ ބަޖެޓް ކޮމިޓީގެ މުގައްރިރު ވެސް މެ އެވެ. އޭނާ ޕާލަމެންޓަށް އިންތިޚާބުވެފައި ވަނީ 2019 ވަނަ އަހަރު އެވެ.

ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ މިދިޔަ އަންގާރަ ދުވަހު ދެއްވި ތަގްރީރެއްގައި ވަނީ ގައުމުގެ މަސްލަހަތު ހިމާޔަތް ނުކުރެވޭ ދައުލަތުގެ މުވައްޒަފުންނަށް އިންޒާރު ދެއްވައި، އެކަމުގެ ސަބަބުން އިތުރު ރުޅިވެރިކަން އުފެދޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ރަޝިޔާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޔުކްރޭން ސިފައިންގެ ހިތްވަރާއި އަޒުމް ވަރުގަދަވެ ކާމިޔާބު ލިބެމުންދާ އިރު ގައުމުގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު އިސްކޮށް، ގޮނޑުދޮށްތަކުގައި ޗުއްޓީ ހޭދަކުރުން ފަދަ ދާޚިލީ ބޭވަފާތެރިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ފިތުނައިގެ އަލިފާން ރޯވުން،" ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.

އެރިސްޓޯފްގެ މައްސަލަ ބަލަން ފެށުމާ އެކު އޭނާ ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފަ އެވެ. ޕާލަމެންޓުގެ ރައީސް ރަސްލާން ސްޓެފަންޗުކް ވިދާޅުވީ ދެން އޮންނަ ބައްދަލުވުމެއްގައި އެރިސްޓޯފްގެ އިސްތިއުފާއާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

ޔުކްރޭނުގެ ސަރުކާރަށް ބަދަލުތައް ގެންނަން ފެށުމުން ވަރަށް ގިނަ ސީނިއާ އޮފިޝަލުން މި އަހަރު ކުރީކޮޅު ވަނީ އިސްތިއުފާ ދީފަ އެވެ. އެ މީހުން އިސްތިއުފާ ދީފައި ވަނީ ޔުކްރޭނުގައި ކޮރަޕްޝަނާ ދެކޮޅަށް ބޮޑު ހަރަކާތެއް ފަށާފައި ވަނިކޮށެވެ.