މާލޭގައި ބޭރަށް ހިނގުމާއި ހޮޑުލުން އިތުރުވެފައި ވާތީ މިރޭ ފަށަން ނިންމި މިނިވަން އުފާ ކާނިވަލް ފަސްކޮށްފި އެވެ.

ހޯމް މިނިސްޓްރީން ބުނީ އެޗްޕީއޭގެ ލަފާގެ މަތިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވާތީ މިނިވަން އުފާ ކާނިވަލް ފަސްކޮށްފައިވާ ކަމަށެވެ.

މާލެތެރޭގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެފައިވާތީ ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީންވެސް ވަނީ ބުނެފަ އެވެ. އެޗްޕީއޭއިން ބުނެފައި ވަނީ ރޭއިން ފެށިގެން ބޭރަށް ހިންގުމާއި ހޮޑުލުން މާލެ ސަރަޙައްދުން ކުއްލިއަކަށް ވަނީ އިތުރުވެފައެވެ. ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސަބަބު ދެނެގަތުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

މާލޭގައި ކުއްލިއަކަށް ބަލިފެތުރިގެން މިއުޅެނީ އިއްޔެ މާލޭގެ މަގުތަކުގައި ބޭއްވި ފުޅަނދު ބުރާއި ޕެރޭޑް ބެލުމަށް އެއްފަހަރާ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މިނިވަން ދުވަހުގެ ކުޅިވަރުތައް ބެލުމަށް އިއްޔެ މަޖީދީމަގަށް މީހުން ޖަމާވެފައި: ފޮޓޯ ސޯޝަލް މީޑިއާ

އެހެން ނަމަވެސް މިނިވަން ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ކެންސަލްނުކުރަތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މާލޭގައި ހުމާއި ރޯގާ އިތުރުވެ ހޮސްޕިޓަލްތަކުގެ އިމަޖެންސީ ރޫމްތައް ވަނީ ފުރިފަ އެވެ.