ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު މިއަދު އައްޑުއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް ނަޝީދު އާއި އިލްޔާސް އައްޑުއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު އެވެ. މި ދަތުރުފުޅުގައި އައްޑޫގެ ރައްޔިތުންނާއި ބައްދަލުކޮށް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނަޝީދާއި އިލްޔާސް އައްޑުއަށް ވަޑައިގަންނަވާއިރު އިއްޔެ ދަ ޑިމޮކްރެޓްސްއިން ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި އިލްޔާސަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް 3،041 މީހުން ވަނީ ވޯޓު ދީފަ އެވެ. ޕްރައިމެރީގެ ނަތީޖާއަށް ފަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާ މާތްﷲ ގެ އިރާދަފުޅުން ސެޕްޓެމްބަރު 9، 2023 ގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރައްވާނީ އިލްޔާސް ލަބީބް ކަމަށެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. ޑިމޮކްރެޓްސްގެ ދަފްތަރުގައި 4،100 މެމްބަރުން މިހާރު އެބަތިއްބެވެ.