ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ލިބިވަޑައިގަންނަވާނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ލިބިވަޑައިގެންނެވި އަދަދަށް ފަސް އިންސައްތަ ވޯޓުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދާއެކު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޭދު ގައި މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ 2013ގެ އިންތިހާބުގައި ޑރ. ވަހީދަށް 65 އިންސައްތަ ލިބިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ އާއިލާ ބޭފުޅަކު ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް ލިބިވަޑައިގަތީ ފަސް އިންސައްތަ ވޯޓު ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ.
މިހާރު ފެންނަމުން މިދާ މަންޒަރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ވެސް ލިބިވަޑައިގަންނަވާނީ ރައީސް ވަހީދަށް ލިބިވަދައިގެންނެވި އަދަދަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ލިބޭ ވޯޓާ އަދި ލިބޭނެ ކަމަށް ލަފާ ކުރެވޭ ވޯޓާ އުންމީދު ކުރެވޭ ވޯޓާ މިއޮންނަނީ ވަރަށް ބޮޑަށް ފަރަގުވެފާ އަޅުގަނޑު ދެކޭ ގޮތުގާ ރައީސް ސޯލިހަށް ދިމާވެފައިމިވަނީ ޑރ. ވަހީދުގެ ދަތުރު" ނަޝީދު ވިދާޅުވި އެވެ.
ވޭތުވެދިޔަ ފަސް އަހަރު ރައީސް ސޯލިހު ކަންކުރެއްވިގޮތުން އެމްޑީޕީ ވަނީ ރޫޅިފައި ކަމަށާއި އެހެން ނަމަވެސް އެރޫހު މިހާރު ފެންނަމުން މިދަނީ ޑިމޮކްރެޓްސްގެ ތެރެއިން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔަބު ކުރެވޭނެ އެއްވެސް ޕާޓީއެއް އަދި ކެންޑިޑޭޓެއްވެސް ނެތް ކަމަށާއި އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ޖެހޭނެ ކަމަށެވެ. އިންތިހާބުގެ ދެވަނަ ބުރަށް ޑިމޮކްރެޓްސްގެ ރިޔާސި ކެންޑިޑޭޓް އިލްޔާސް ލަބީބް ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.