ނުވަދިހައިގެ ފަހުކޮޅުގެ އަހަރުތަކުގައި މަޝްހޫރުވި އިނގިރޭސި ސީރީޒެއް ކަމަށްވާ "ފްރެންޑްސް" އަކީ މިހާރުވެސް ގިނަބައެއްގެ މެދުގައި މަގުބޫލު ސީރީޒް އެކެވެ.

އެ ސީރީޒްގެ އެންމެ ފަހު ސީޒަން ގެނެސްދީފައި ވަނީ 2004 ވަނަ އަހަރުގަ އެވެ. އެއަށް ފަހުން މިދިޔަ 26 އަހަރު ފާއިތުވެގެން ދިޔައީ "ފްރެންޑްސް"ގެ ފޭނުން އޭގެ ރީޔުނިއަންއަކަށް އެދި އެދި ތިއްބަ އެވެ.

މި ފޭނުންނަށް އުފާވެރިކަމެއް ލިބުނީ އެޗްބީއޯ މެކްސް އިން ހަގީގީ ރިޔުނިއަން އެއް ގެނެއުމަށް ނިންމި ހަބަރާއެކު އެވެ. މި އަންސްރިޕްޓެޑް ރީޔުނިއަން ކުރިން ދައްކަން ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. ނަމަވެސް ކޮވިޑް-19 ޕެންޑެމިކާއެކު އެ ރީޔުނިއަން ވަނީ ފަސްކޮށްފަ އެވެ.

ފޭނުން ވާނުވާގައި ތިއްބާ އެ ސީރީޒްގައި ފީބީގެ ރޮރުން ފެނިގެންދިޔަ ލިސާ ކޫޑްރޯ މިވަނީ ރީޔޫނިއަންގެ ޝޫޓިން ފަށާފައިވާ ކަމުގެ އުފާވެރި ހަބަރު ހިއްސާކޮށްފަ އެވެ.

މި ރީޔޫނިއަންގައި ލީސާ ކޫޑްރޯގެ އިތުރުން އެ ސީރީޒްއިން ފެނިގެން ދިޔަ ތަރިން ކަމަށްވާ ޖެނިފާ އެނިސްޓަން، ޑޭވިޑް ޝުވިމާ، މެޓް ލެބްލާންކް، މެތިއު ޕެރީ އަދި ކޯޓްނީ ކޯކްސް ވެސް ފެނިގެންދާނެ އެވެ.

މި ރީޔުނިއަން ވެގެންދާނީ 2004 ވަނަ އަހަރަށް ފަހު، މި ހުރިހާ ތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފަހަރަށެވެ.

"ލިޓްރަލީ! ވިތް ރޮބް ލޮވީ" ނަމުގައި ރޮބް ލޮވީ ގެނެސްދޭ ޕޮޑްކާސްޓުގައި ވާހަކަދައްކަމުން ލީސާ ކޫޑްރީ ބުނި ގޮތުގައި އޭނާ ވަނީ މިހާރު ވެސް ރީޔުނިއަންގެ ބައެއް މަންޒަރުތައް ޝޫޓްކޮށް ނިންމާފަ އެވެ.

މި ރީޔުނިއަން ދައްކާނެ ތާރީހެއް އަދި އިއުލާނުކޮށްފައި ނުވެ އެވެ.