ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ޒުވާން އަންހެނުންނަށާއި ފުރާވަރުގެ ފިިރިހެނުންނަށް އެކި ކަހަލަ ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތުގެ ދިރާސާ ޓީމަކުން ހެދި މި ދިރާސާގައި އުމުރުން 20 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންގެ މައުލޫމާތު ނަގާފައިވާއިރު އެމީހުން ވަނީ ގްރޫޕްތަކަކަށް ބަހާލާފަ އެވެ. އޭގެ ތެރޭގައި ޑިޕްރެޝަން ހުންނަ މީހުން، އެންޒައިޓީ ހުންނަ މީހުން، މި ދެ ބަލި އެއްކޮށް ހުންނަ މީހުންގެ އިތުރުން ދެ ބަލިން ކުރެ އެއްވެސް ބައްޔެއް ނުހުންނަ މީހުން ހިމެނެ އެވެ.

މި ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުން ވިހީގެ އަހަރުތަކުގައި ޑިޕްރެޝަން ނުވަތަ އެންޒައިޓީ ތަހައްމަލު ކޮށްފައިވާ އަންހެނުންނަށް އުމުރުގެ ފަހު ބައިގައި ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު 61 ޕަސެންޓް އިތުރެވެ.

އެގޮތުން މިފަދަ މީހުންނަށް ކުރިމަތިވާ ބަލިތަކުގެ ތެރޭގައި ލޭ މައްޗަށް ދިއުން، ނޭވާ ހިއްލުން، ފުއްޕާމޭގެ ބަލި އަދި އެކި ކަހަލަ ކެންސަރުތައް ހިމެނެ އެވެ.

ދިރާސާގައި އިސްކޮށް އުޅުނު ބޭފުޅުން ވިދާޅުވާ ގޮތުގައި އަންހެނުންނަށް މިކަމުގެ ނުރައްކާ ބޮޑުވަނީ ހޯމޯނަލް ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

އެހެން ކަމުން ޒުވާން އުމުރުގައި ޑިޕްރެޝަންއާއި އެންޒައިޓީއިން ސަލާމަތް ވުމަށް އެކަށޭނަ ސިއްހީ އެހީތެރިކަން ހޯދުމަށް މި ދިރާސާގައި ލަފާ ދީފައިވެ އެވެ.