ހުޅުމާލޭގައި ތަރައްގީކުރާ ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ އެ ފްލެޓުތައް ތަރައްގީކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު ބަންދުން ދޫކޮށްލަން އަމުރު ކޮށްފި އެވެ.
ފުލުހުން މަންޑޭ ހައްޔަރުކުރީ އޭނާ ފިލަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން މިމަހުގެ ފަސްވަނަ ދުވަހު އެވެ.
މަންޑޭ ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ ހަވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ދިނީ 15 ދުވަހެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އިތުރު 10 ދުވަސް ދީފަ އެވެ.
މަންޑޭގެ ބަންދުގެ މުއްދަތު ހަމަވުމުން މިއަދު ހުޅުމާލޭ ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.
މަންޑޭ ބަންދުން ދޫކޮށްލީ ކޯޓަށް ހާޒިރުވުމަސް އެންގުމުން ކޯޓަށް ހަޡިރުވުމަށް ޝަރުތު ކޮށަފަ އެވެ. އަދި ރާއްޖެއިން ބޭރަށް ދާނަމަ އެކަން ފުލުހަށް އެންގުމަސްވެސް ޝަރުތު ކޮށްފައިވެ އެވެ.
މަންޑޭ ހައްޔަރުކުރިއިރު އޭނާ ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޮތީ ބާތިލުކޮށްފަ އެވެ.
ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކުރީ ޒަރޫރީ ބޭނުމެއްގައި އޭނާ ރާއްޖެއިން ބޭރަށް ދާން ޖެހުމާ ގުޅިގެން، 45 ދުވަސް ތެރޭގައި އެނބުރި ރާއްޖެ އައުމަށް ޝަރުތު ކުރުމަށްފަހު އެވެ.
މަންޑޭގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު އޮތީ ގޮތެއް ނިންމުމާ ހިސާބުގަ އެވެ.
މަންޑޭގެ ޕާސްޕޯޓު ހިފަހެއްޓީ ހަންބޯ މޯލްޑިވްސްގެ ނަން ބޭނުންކޮށްގެން އޮޅުވާލައިގެން ކޭ-ޕާކުގެ އެޕާޓުމެންޓުތައް ވިއްކައި ލިބުނު ފައިސާއަށް އޭނާ ހިޔާނާތްތެރިވެފައިވާ ކަމަށް އެ ކުންފުނީގެ ބޭރު ހިއްސާދާރު ތުހުމަތުކޮށް، މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅިގެންނެވެ. އެގޮތުން މަންޑޭ ޗައިނާ ހިއްސާދާރުގެ ސޮއި ފޯޖުކޮށް ކުންފުނީގެ ނަމުގައި އެކައުންޓުތައް ހެދިކަމަށް ވެސް އޭނާ ތުހުމަތުކުރި އެވެ.