ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، ހަތް މީހަކު 198،000 ރުފިޔާ އިން ޖޫރިމަނާކުރި ނަމަވެސް އެމީހުން އެފައިސާ ނުދައްކާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓަކްޝަން އޭޖެންސީ، (އީ.ޕީ.އޭ) އިން ބުނެފި އެވެ.

އީޕީއޭ އިން ބުނެފައި ވަނީ އެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް މިިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމް ވިދާޅުވީ 7 މީހަކު 198،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ވާތީ މުޅި ޖުމްލަ 1،386،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި އެ 7 މީހުން އެ އެޖެންސީއަށް ދައްކަންޖެހޭ ކަމަށެވެ. އަދި މުއްދަތު ހަމަވެފައިވީއިރު ވެސް އެމީހުން އެފައިސާ ނުދައްކާ ކަމަށް ނައީމް ވިދާޅުވި އެވެ. އަދި ފައިސާ ހޯދުމަށް އޮންނަ އުސޫލުގެ ތެރެއިން މަސައްކަތް ކުރަމުންދާކަމަށް ނައީމް ވިދާޅުވި އެވެ.

ވެލާ ފެޅުމުގައި ބައިވެރިވި އެ އަތޮޅު ކެންދޫގެ ހަތް މީހުން ކުރެ ކޮންމެ މީހަކު 198،000 ޖޫރިމަނާ ކުރުމުން މުޅި ޖުމްލަ 1،386،000 ރުފިޔާގެ ޖޫރިމަނާއެއް އެ އެންމެން ދައްކަންޖެހެ އެވެ.

ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ފެޅި ވެލާތަކުގެ ބައިތައް -- ފޮޓޯ: ޕޮލިސް

ކެޔޮދު އަށް ބަޔަކު ގޮސް، އެ ރަށުގައި ވެލާ ފަޅައިގެން އުޅޭ ކަމުގެ މައުލޫމާތެއް ލިބިގެން ފުލުހުން އެ ރަށަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.

އެ ގްރޫޕުން ހަ ވެލާ ފަޅާލި އެވެ. ފުލުހުން އެ އެންމެންގެ ބަޔާން ނެގުމަށް ފަހު ދޫކޮށްލީ އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ.