ސިޔާސީ ބޭފުޅުން ޖަލަށްލި ކަމަށް ވިދާޅުވެ ނައިބު ރައީސް ފައިސަލް ނަސީމް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި މިރޭ ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވެސް ޖަލަށްލި ކަމަށާއި ނަމަވެސް އެމަނިކުފާނު ޖަލަށްލާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޔާމީންގެ ވެރިކަމާ ރައީސް ސޯލިހުގެ ވެރިކަމާ ވަރަށް ތަފާތު ކަމަށާއި އަމާން ރައްކާތެރި މާހައުލެއް މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ގާއިމްވެއްޖެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ފުވައްމުލަކުގެ ތަރައްގީއަށް މި ސަރުކާރުން ކުރަމުންދާ ބައެއް ކަންތައްތައް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެގޮތުން އެރަށުގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާ ކަމުގައި ވިދާޅުވި އެވެ. އަދި އެ މަގުތަކުގެ މަސައްކަތް ނިމުމުން، އިތުރު މަގުތަކުގައި ތާރުއަޅަން ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.
އެކަން ފާހަގަކުރެއްވުމަށްފަހު އެ ސިޓީގައި މުޒާހަރާ ކުރި ޕީޕީއެމްގެ ސަޕޯޓަރުންނަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ އެ މީހުންނަށް އަޑުއިއްވަން އަޑު ހަރުކޮށް އެ ވާހަކަ ކިޔައިދެއްވަނީ ކަމަށެވެ.
ދެވަނަ ދައުރަކަށް ރައީސް ސޯލިހު އިންތިހާބު ވެއްޖެނަމަ ފުވައްމުލަކުގައި ސިޓީ ހޮޓަލެއް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ފުވައްމުލަކުގެ ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ މިރޭގެ ޖަލްސާގައި ރައީސް ސޯލިހުގެ ރަނިންމޭޓެއްގެ ގޮތުގައި ފައިސަލް ހަމަޖައްސަވައި އެކަން އިއުލާން ކުރައްވާނެ ކަމަށެވެ. ނަމަވެސް ރަނިންމޭޓް އިއުލާންކޮށްފައެއްނުވެ އެވެ.