ނޯރާ ފަތޭހީއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ. ހާއްސަކޮށް އޭނާގެ ނެށުމުގެ ހުނަރަކީ ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ ކަމެކެވެ.

ބޮލީވުޑްގައި ވީ މަދު ދުވަސްކޮޅުގެ ތެރޭގައި ގިނަ ލަވަތަކެއްގެ އިތުރުން ބައެއް ފިލްމުތަކުގައި ވެސް އޭނާ ވަނީ ހަަރަކާތްތެރިވެފަ އެވެ.

އޭނާގެ މަސައްކަތްތަކާ ބެހޭ ގޮތުން އިންޑިއާގެ ޓީވީއެއް ކަމަށްވާ ޒޫމް ޓީވީއަށް ދިން އިންޓަވިއުއެއްގައި ނޯރާ ބުނީ އޭނާގެ މަސައްކަތްތައް ޕްރޮމޯޓް ކުރަން މަޝްހޫރު އެކްޓަރުންނާ ލޯބީގެ ގޮތުން ގުޅެން ޕްރޮޑަކްޝަން ޓީމުތަކުން ބާރު އަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމަކަށް އޭނާ ބޯލަނބާފައި ނުވާނެ ކަމަށާއި ޕްރޮމޯޝަންތަކަށް ގުޅުމެއް ބިނާ ކުރުމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

"ދާއިރާއިން ކުރިއަށް ދާން އަހަރެންގެ ކައިރީގައި ކޮންމެހެން ފިރިހެނަކު ހުންނާކަށް ނުޖެހޭ،" ނޯރާ ބުންޏެވެ.

ބޮލީވުޑްގައި އެކި އެކްޓަރުން އެހެން ފަންނާނުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަތަކަކީ އާއްމު ވާހަކަތަކެކެވެ. މިއީ ގިނަ ފަހަރަށް އެ މީހުންގެ ފިލްމުގެ އަޑު ގަދަ ކުރުވުމަށްޓަކައި ގެންގުޅޭ އުކުޅެކެވެ.

ނޯރާ މިހެން ބުނުމާއެކު ގިނަ ބަޔަކު އޭނާއާ އެއްކޮޅަށް ހިފާފައިވާއިރު، ބައެއް މީހުން ވަނީ އޭނާއަކީ ބޮޑާ ކިބުރުވެރި މީހެއްގެ ގޮތުގައި ވެސް ސިފަ ކޮށްފަ އެވެ.

ނޯރާގެ އެންމެ މަޝްހޫރު މަސައްކަތްތަކުގެ ތެރޭގައި " ދިލްބަރް" އާއި "އޯ ސާތީ ސާތީ" ފަދަ ކާމިޔާބު ލަވަތައް ހިމެނެ އެވެ.