ފުވައްމުލަކުގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު "ޓައިގާ ޝާކް ޕޮއިންޓް" އާއި އެ އަތޮޅުގެ އިހުތިސާސްގައި ހިމެނޭ ކަނޑުގެ އެހެނިހެން ސަރަހައްދުތަކުގައި ފީނާ މީހުން އަތުން ކައުންސިލުން ފީއެއް ނެގުމަށް ހެދި ގަވާއިދަށް އަމަލުކުރުން ފަސްކުރަން ނިންމައިފި އެވެ.

ފުވައްމުލަކު އިހުތިސާސްގައި ހިމެނޭ ސަރަހައްދުގައި ފީނުމަށް ފީއެއް ނެގުމަށް ފުވައްމުލައް އިހްތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަޙައްދުތައް ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖްކުރުމާ ބެހޭ ގަވާއިދުގެ ދަށުން މިދިޔަ ޖޫން މަހު ކައުންސިލުން ވަނީ ނިންމާފަ އެވެ.

އެގަވާއިދު ގެޒެޓު ކުރުމައި އެކު ފުވައްމުލަކުގެ ޑައިވަރުންނާއި ފަތުރުވެރިކަމުގެ ސިނައަތުގައި މަސައްކަތް ކުރަ މީހުން ނުކުމެ ވަނީ އިހުތިޖާޖުކޮށްފަ އެވެ.

ފުވައްމުލަށް ކައުންސިލުން މިއަދު ބޭއްވި ކުއްލި ޖަލްސާގައި ނިންމާފައި ވަނީ ފުވައްމުލައް އިހުތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދުތައް ޓޫރިޒަމްގެ ބޭނުމަށް މެނޭޖުކުރުމާ ބެހޭ ގަވާއިދަށް އަމަލުކުރުން ފަސްކުރުމަށް ނިންމާ ކަމަށެވެ.

ޑައިވަރުން އިހުތިޖާޖް ކުރީ އެމީހުންގެ ޝޫއޫރުތައް ފެންނަ ބޯޑުތަކާއެކު އެވެ. ބައެއް މޭޔަރު އިސްމާއީލް ރަފީގުގެ އިސްތިއުފާއަށް ވެސް ގޮވި އެވެ.

ގަވައިދުގައިވާ ގޮތުން ފީ ނެގުމަށްފަހު ފީނަން ދެނީ 15 ދުވަހުގެ ހުއްދަ އެކެވެ. ފީ ނަގަން ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގެ އުޅަނދުތަކުގައި ފުވައްމުލަކަށް ޑައިވްކުރަން ދިވެހިންނަށާއި ރާއްޖޭގެ ވޯކް ވިސާ އޮންނަ މީހުންނަށާއި ސްޓޫޑެންޓް ވިސާ އޮތް މީހުންނަށް ބޮލަކަށް 200 ޑޮލަރާއި ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން އެ ރަށަށް ޑައިވްކުރަން ދާ މީހުންގެ ތެރެއިން މީހަކަށް 20 ޑޮލަރު އަދި ފުވައްމުލަކުގެ ޑައިވް ސްކޫލްތައް މެދުވެރިކޮށް ދާ މީހުންގެ ތެރެއިން ބޮލަކަށް 20 ޑޮލަރެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގެ އުޅަނދުތަކުގައި ފުވައްމުލަކަށް ޑައިވްކުރަން ދާ ބިދޭސީންނަށް ބޮލަކަށް 200 ޑޮލަރާއި، ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން އެ ރަށަށް ޑައިވްކުރަން ދާ ބިދޭސީންގެ ތެރެއިން މީހަކަށް 20 ޑޮލަރުއި އަދި ފުވައްމުލަކުގެ ޑައިވް ސްކޫލްތައް މެދުވެރިކޮށް ދާ ބިދޭސީންގެ ތެރެއިން ބޮލަކަށް 20 ޑޮލަރެވެ.