"ހަސަން ކުރުސީ"ގެ ނަމުގައި ހިންގަމުންގެންދާ ޓްވިޓާ އެކައުންޓުގެ ވެރިފަރާތް ހޯދަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ ވެރިފަރާތް ހޯދަން ކުރިމިނަލް ކޯޓުން އަމުރެއް ނެރުނީ އެކަމަށް ފުލުހުން އެދުމުންނެވެ.

އެއީ ކާކުތޯ ހޯދުމަށް ސަރުކާރުން ޖެހޭނީ ޓްވިޓާގައި ރަސްމީކޮށް އެދޭށެވެ. އެހެން ނަމަވެސް އެފަދަ ޒާތީ މައުލޫމާތުތަކަކީ ޓްވިޓާ އިން ހިއްސާކުރާ މައުލޫމާތެއް ނޫނެވެ.

ހަސަން ކުރުސީ ޓްވިޓާ އެކައުންޓް ހިންގަނީ ކާކުތޯ ހޯދުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. ފުލުހުން އެ ތަހުގީގު ފަށާފައި ވަނީ ރައީސް ނަޝީދު އެކަމަށް އެދުމުންނެވެ.

"ހަސަން ކުރުސީ"ގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓަކީ ރައީސް ނަޝީދު ބޭނުންކުރައްވާ ޓުވިޓާ އެކައުންޓެއްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެ އެކައުންޓަކީ ނަޝީދުގެ އެކައުންޓެއްކަމަށް ބައެއް މަޖިލިސް މެމްބަރުންވެސް ވިދާޅުވެ އެވެ. އެ އެކައުންޓުން ސަރުކާރުގެ ސިޔާސަތުތަކަށާއި ސަރުކާރުގެ އިސްވެރިންނަށާއި އަދި ރައީސް ސޯލިހަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާ އެކި ކަހަލަ ތުހުމަތުތައް ކުރެ އެވެ.