ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއަށް ބިރު ދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ފޯނު އަތުލުމަށް ފަހު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އީވާގެ ދަރިފުޅުގެ ފޮޓޯ ޓްވިޓާގައި ބޭނުންކޮށް، އީވާއަށް ބިރު ދެއްކި މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ކޯޓު އަމުރު ތަންފީޒު ކުރުމަށް ފަހު ރޭގެ ވަގުތެއްގައި އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މީހާ ބަންދުން ދޫކޮށްލީ އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހުގައި ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

އީވާގެ 18 އަހަރު ނުފުރޭ ދަރިފުޅުގެ ފޮޓޯ ބޭނުން ކޮށްގެން "ހަމަ އެސޮރު" ނަމުގައި ހަދާފައިވާ ފޭކް ޓްވިޓާ އެކައުންޓަކުން އަންނަނީ އީވާ އަށާއި އީވާގެ ފިރިކަލުންނަށް ފުރައްސާރަ ކުރަމުންނެވެ.

އެ މީހާ ދޫކޮށްލުމާއެކު "މިހުރީ ގޭގައި" ކަމަށް ބުނެ ޓްވީޓެއް ވެސް ކޮށްފައިވެ އެވެ.