އެމްޑަބްލިޔުއެސްސީއިން ހއ. މުރައިދޫގައި ކުރިއަށް ގެންދިޔަ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފްތިތާހުކޮށްފި އެވެ.
މުރައިދޫ ފެނުގެ ނިޒާމް އިފްތިތާހު ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ދައުލަތުގެ ވަޒީރުންނާއި، ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި، މިކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ މިމަޝްރޫއުގެ ދަށުން، މުރައިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ.
މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން ވެސް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އޭގެ އިތުރުން ފެން ރައްކާކުރުމަށް ފެން ތާނގީ ވެސް ބަހައްޓާފައިވެ އެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމްޑަބްލިޔުއެސްސީއިން ބުނެ އެވެ.
މުރައިދޫގެ ފެނުގެ މަޝްރޫއަކީ ނޭޝަނަލް ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއުއެކެވެ. މިމަޝްރޫއަށް 46.85 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިމަޝްރޫޢުގެ ސަބަބުން މުރައިދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެ އެވެ.