ޖެނުއަރީ މަހަކީ ފިނި މޫސުމުގެ ދުވަސްވަރުކަމުން އާންމުކޮށް ދުނިޔޭގެ ގިނަ ގައުމުތަކަށް ސްނޯ ފައިބަ އެވެ. ނަމަވެސް އޭގެ ތެރޭގައި އެފްރިކާ އާއި މެދު އިރުމަތީގެ ސަހަރާތައް އޭގެ ތެރޭގައި ހިމެނުމަކީ ނާދިރު ކަމެކެވެ.

ނަމަވެސް މިއަހަރު މިވަނީ ސަރަހާތަކަށް ސްނޯ ފައިބާ ސައުދީގެ ފިނިހޫނުމިން މައިނަސް ދެ ޑިގްރީ ސެލްސިއަސް އަށް ވެއްޓިފަ އެވެ.

އާންމުކޮށް ނުފެންނަ މި މަންޒަރު ބަލަން ސައުދީ އަރަބިއާގެ ވަރަށް ގިނަ ބަޔަކު ސަރަހާތަކަށް އެއްވަމުންދާއިރު ފޮޓޯގްރާފަރުން ދަނީ މި މަންޒަރުތައް ފޮޓޯ ނަގައި ތާރީހަށްޓަކައި ރައްކާކުރަމުންނެވެ.

އައިން ސެފްރާ އަށް ސްނޯ ފައިބާފައި

އައިން ސެފްރާ ނަމަކަށް ކިޔާ ސަހަރާގައި ވެސް ވެލިގަނޑުތަކާއި ފަރުބަދަތައް ވަނީ ސްނޯއިން ފޮރުވިފަ އެވެ.

ހަނަފަސް ސަހަރާތަކަށް ސްނޯ ފޭބުމަކީ އާންމުކަމަކަށް ނުވިޔަސް، މީގެ ކުރިން ވެސް މިފަދައިން ސްނޯ ފައިބާފައިވެ އެވެ. އެގޮތުން އައިން ސެފްރާއަށް 2021، 2018 އަދި 2017 ގައި ވެސް މިފަދައިން ސްނޯ ފޭބި އެވެ. އޭގެ ކުރިން އެންމެ ފަހުން ސްނޯ ފޭބީ 1980 ވަނަ އަހަރުގަ އެވެ.

މި ސަހަރާތަކުގެ ފިނިހޫނުމިން އަވަސް އަވަހަށް ބަދަލުވާއިރު އާންމުކޮށް ސްނޯ ފޭބިއަސް އަނެއް ދުވަހު އެ ސްނޯތައް ވިރިގެން ފައިބަ އެވެ.

އަލްޖީރިއާ އާއި ސައުދީ އަށް ސްނޯ ފައިބަން މެދުވެރިވީ ފިނި ވައިގެ ހައި ޕްރެޝާ ސިސްޓަމްތައް އެއްގަމުން ގޮސް ސަހަރާތަކާ ހަމައަށް ދަތުރުކުރުމުންނެވެ. މި އެންޓި ސައިކްލޯންތައް ސައުދީ އަށް ދަތުރުކުރީ ކްލޮކްވައިސްކޮށް ސެންޓްރަލް އޭޝިއާއިންނެވެ.

މީގެ ކުރިން 2018 ވަނަ އަހަރު އަލްޖީރިއާގައި އޮންނަ އައިން ސެފްރާ އަށް ވަނީ ސްނޯ ފައިބާފަ އެވެ. އެއީ 40 އަހަރުގެ ތެރޭގައި އެ ސަހަރާއަށް ސްނޯ ފޭބި ތިން ވަނަ ފަހަރުކަމަށްވެ އެވެ.