ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި ނަމަ ޕީޕީއެމް އިން ކެންޑީޑޭޓަކު ނެރޭނެ ކަމަށް ބުނެފައި ވަނިކޮށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކުށުގެ ރެކޯޑް ސާފު ކުރައްވަން ހުށަހަޅުއްވައިފި އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ. ނަމަވެސް ހަމަ އެ ދުވަހު ވަނީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފަ އެވެ. އެއާއެކު ޕީޕީއެމުން ބުނަނީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ 11 އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ކުރިއަށް ދާތީ އެއީ އަދި ނިހާއީ ހުކުމެއް ނޫން ކަމަށާއި އެހެންވެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި އިއްޔެ ވަނީ ފަށައިފަ އެވެ.

ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށް ބަލާ ޕީއެންސީ އިން ކެންޑިޑޭޓަކު ނެރުމަށް ރައީސް ޔާމީން އެދިފައިވާތީ އެޕާޓީން ވަނީ ކެންޑިޑޭޓަކު އިންތިހާބުކޮށްފަ އެވެ. ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރެއްވީ މަލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައީސް ޔާމީންއަށް ވާދަ ނުކުރެވޭ ހާލަތެއް އަތުވެއްޖެ ނަމަ ޕީޕީއެމް އިން އެހެން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އެޕާޓީން ރޭ ވަނީ ބުނެފަ އެވެ. ރައީސް ޔާމީނަށް އިންތިހަބުގައި ވާދަ ނުކުރެވިއްޖެ ނަމަ ޕީޕީއެމް އިން ކުރީގެ ރައީސް ޑރ. ވަހީދު ނިކުންނަވާނެ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ. އެއާއެކު ރައީސް ވަހީދުގެ ކުށުގެ ރިކޯޑް ސާފު ކުރެއްވުމަށް މިހާރު ވަނީ ހުށަހަޅުއްވާފަ އެވެ.

ރައީސް ޔާމީންގެ ފޯމު އީސީ އިން ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނިގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އައިސްފައިވުމެވެ. ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ނަން ހުށަހެޅުމަށް ދެން އޮތީ ދެ ދުވަހެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ 7 ވަނަ ދުވަހާއި ހަމަ އަށް ހުޅުވާލަފަ އެވެ.