މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވެން އޮތީ ގުޅިފަޅާއި ފުށިދިއްގަރުފަޅުން ގޯތި ދީގެން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"އާސްކް މުއިއްޒު"ގެ ނަމުގައި މިރޭ ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ "ޝައްކެތް ވެސް ނެތް ގޮތުގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލަކީ ގޯތި ދިނުން" ކަމަށެވެ.

"އެހެންވެ އޭރު އަޅުގަނޑުމެން އިއުލާންކުރީ މާލެ ކައިރި އޮތް ގުޅިފަޅު ހިއްކުމާއި މާލެ ކައިރީގައި އޮންނަ އެހެން ފަޅެއް ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކަން. ދެ ފަޅު ހިއްކާފައި މިތަންތަނުން، ހާއްސަކޮށް ފުށިދިއްގަރު ފަޅުން ގޯތި ދޭން. އެއީ ދާއިމީ ހައްލުކަމަށް ވާތީ،" މާލޭގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

https://www.facebook.com/MayorofMale/videos/1563402220507441

ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ހައުސިން މަޝްރޫއު ހިންގެވި ކުރީގެ މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން ނިންމާފައި އޮތީ ގުޅިފަޅުން ގޯތި ދިނުމަށްފަހު ބޮޑު ބައެއްގައި ފްލެޓް ވެސް އަޅާ ގޮތަށް ކަމަށެވެ.

"ކޮންމެއަކަސް މިސަރުކާރަކުން މިކަމެއް ނުކުރި. މި ސަރުކާރަކުން މާލޭ ރައްޔިތުންނާ މެދު މާބޮޑު އަޅާލުމެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ މިނިސްޓަރު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކަން ޖެހޭނެ ކަމަށެވެ. އަދި އެތަނުގެ އޭރުގެ ޕްލޭނަކީ 600 އަށް ވުރެ ބޮޑު ހެކްޓަރުގެ ބިމެއްގައި 20،000 ގޯތި ދިނުމަށް ކުރީގެ ސަރުކާރުން އޮތީ ކަނޑައަޅާފައި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހަދަން ނިންމުމަކީ ބޭކާރު ޚަރަދެއް ކުރުން ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފާނެ ކަމަށެވެ. އަދި އިގްތިސާދީ ގޮތުން އެއްވެސް ފައިދާ އެކަމުން ނުލިބޭނެ ކަމަށާއި މި ސަރުކާރުގެ ބޭނުމަކީ ކުރީގެ ސަރުކާރުގެ މަސައްކަތްތަކުގައި އަގެއް ނެތްކަމަށް ދެއްކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޯޓް އަޅައިފިއްޔާ ކުޑަ ދުވަސްކޮޅަކު ބޭނުން ކުރެވޭނީ. ބޮޑު ވޭސްޓެއް، ބޮޑު އިސްރާފެއް އެއީ،" މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލެއިން ގޯތި ހޯދުމަށް "ނޯ ގޯތި ނޯޓު"ގެ ނަމުގައި މާލޭގެ ރައްޔިތުންތަކެއް އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތާ ބެހޭ ގޮތުން ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ ދެންނެވުމުން ކުރީގެ މިނިސްޓަރު ވިދާޅުވީ އެއީ އެމަނިކުފާނު ވަރަށް ތާއީދުކުރައްވާ ހަރަކާތެއް ކަމަށެވެ.

"އަޅުގަނޑުގެ ފުރިހަމަ ތާއީދު އެ ހަރަކާތަށް އެބައޮތް. ފްލެޓަކީ ދާއިމީ ހައްލެއް ނޫން ބޯހިޔާވަހިކަމަށް. އެކަން އެންމެނަށް ވެސް އެނގެން ޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ މިނިސްޓަރު ވިދާޅުވީ ދާއިމީކޮށް އަމިއްލަކުރޭ ބިންކޮޅެއް ލިބުމުން އެތަނަށް އިންވެސްޓްކުރާނެ ގޮތެއް ހޯދައިގެން ތަންކޮޅެއް ޔަގީންކަން ބޮޑު ގޮތެއްގައި ގިނަ ދުވަސްތަކެއް ވަންދެން ބޯހިޔާވަހިކަމަށް ހައްލެއް ލިބިގެންދާނެ ކަމެއް. ފްލެޓް ލިބިގެންމިދާ ހައްލަކީ އިންޓަމިޑިއޭޓް ހައްލެއް،" ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ. "އެއީ ރައީސް ޔާމީން ވެސް އޭރު ވިސްނެވި ގޮތަކީ."