ދިހަ ވަނަ ދިވެހި ފިލްމު އެވޯޑްސް ފަސްކޮށްފި އެވެ.
ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނީ ދިހަ ވަނަ ފިލްމު އެވޯޑްސް ތާރީހެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށާއި އެވޯޑްސް ހަފްލާ ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ. ނަމަވެސް އެވޯޑްސް ފަސްކުރި ސަބަބެއް އެންސީއޭ އިން ހާމައެއްނުކުރެ އެވެ.
އެންސީއޭއިން ބުނީ ދިހަ ވަނަ ފިލްމު އެވޯޑްސް އަށް ހުށަހެޅި ފިލްމުތައް ޖަޖްކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.
ކުރިން ފިލްމު އެވޯޑްސް ބޭއްވުމަށް ކުރިން ނިންމާފައިވަނީ ރޭގަ އެވެ.
ދިހަ ވަނަ ފިލްމު އެވޯޑްސް ހާއްސަކޮށްފައި ވަނީ 2019-2022 ގެ ފިލްމުތަކަށެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް ބޭއްވީ 2017-2018 އަށް ރިލީޒްކުރި ފިލްމުތަކަށް ހާއްސަކޮށްގެންނެވެ. އެގޮތުން 12 ފީޗާ ފިލްމު އެވޯޑަށް ވާދަކުރި އެވެ. ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ޖުމްލަ ހަތް އެވޯޑާ އެކު ހޮވިފައިވަނީ ޔާރާ ޕްރޮޑަކްޝަންގެ "ވިޝްކާ" އެވެ. އަދި ، އެންމެ މޮޅު ބަތަލާގެ އެވޯޑު ގެންދިޔައީ ވެސް "ވިޝްކާ" އިން އައިޝަތު ރިޝްމީ އެވެ.