ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު މިއަދު ހަމަޖައްސައިފި އެވެ.

އިލްޔާސްގެ ރަނިން މޭޓަކަށް ކުރިން ހަމަޖެއްސުމަށް ނިންމާފައިވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އެހެން ނަމަވެސް ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިގެން ދިޔުމާ ގުޅިގެން އީވާގެ ބަދަލުގައި މިއަދު ވަނީ އަމްރު ރަނިން މޭޓަކަށް ހަމަޖައްސާފަ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާން އިލްޔާސް ފޯމު ހުށަހަޅުއްވަން ހަމަޖެހިފައި ވަނީ މިއަދު މެންދުރު 1:00 ގަ އެވެ. ފޯމު ހުށަހެޅުއްވުމަށްފަހު އިލްޔާސް އާއި އަމްރު ނޫސްވެރިންނާ ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް އަދި ރަނިންމޭޓް އަމްރު އަންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވާ ކެމްޕޭން ހަރަކާތްތައް އަންނަނީ ކުރިއަށް ގެންދަވަމުންނެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކާނަލް މުހައްމަދު ނާޒިމްގެ ފަރާތުން ވެސް ފޯމް ހުށަހަޅުއްވާފައިވެ އެވެ.

ރައީސް ސޯލިހް އަދި ނާޒިމްގެ އިތުރުން އިންތިހާބުގައި ވާދަކުރައްވަން ފޯމް ހުށަހެޅުއްވީ ކުރީގެ ރައީސް ޔާމީނެވެ. އެހެން ނަމަވެސް އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަ ނުވާކަމަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް މިއަދު ވަނީ ރަނިން މޭޓަކަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ހަމަޖައްސައިފަ އެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.