މާލެ ސަރަހައްދަށް މިއަދުވެސް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކޮށް، އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދަށް އުދަ އަރާނެ ކަމަށް ލަފާކޮށްފައި ވަނީ މެންދުރު ފަހު ތިނެއްގެ ފަހުންނެވެ.

މިއަދު އެންމެ ބޮޑަށް ވިއްސާރަކުރާނީ މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށެވެ. އަދި ބައެއް ރަށްރަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް ވަނީ ލަފާކޮށްފަ އެވެ.

މާލެއަށް މިއަދު ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު ފަހު 3:46 ގަ އެވެ. އެ ގަޑީގައި ދިޔަވަރު ހުންނާނީ 2.5 ފޫޓުގަ އެވެ. އިއްޔެ މާލެ ސަރަހައްދުގެ ދިޔަވަރު 2.7 ފޫޓަށް އުފުލުނެވެ. އެހެންވެ، މާލެއަށް ވަރަށް ބޮޑަށް އުދަ އަރައި، ތަކެއްޗާއި މީހުންނަށް ވެސް އެކި ވަރުގެ ގެއްލުން ލިބުނެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ދިޔަވަރު ބޮޑުވެ އުދަ އަރާގަޑިތަކުގައި ބްރިޖް އަދި ހައިވޭގައި ސައިކަލުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ، ނުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި ރަށްރަށުގައި ވެސް ގޮނޑުދޮށައި ގާތުގައި ހުންނަ ގޭބިސީތަކުންވެސް ގެއަށް ލޮނު ނުވަންނާނެހެން ބަސްތާ ޖެހުމާއި، އުދައިގެ އަސަރުކޮށް ހަލާކުވެދާނެ ފަދަ މުދަލާއި ތަކެތި ރައްކާތެރި ހިސާބުތަކުގައި ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވަ އެވެ.