ގއ. ދެއްވަދޫން ކޮވިޑަށް މީހަކު ޕޮޒިޓިވްވެ އުފެދިފައިވާ ކްލަސްޓާއިން މިހާތަނަށް 69 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

އެ ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ދެއްވަދޫން 55 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެއަތޮޅު ވިލިނގިލިން ދެ މީހަކާއި ދާންދޫން ހަ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ އިތުރުން ލ. ފޮނަދޫން ހަތަރު މީހަކާއި ހުޅުމާލެއިން ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެއްވަދޫގައި ކޮވިޑް އުޅޭކަން އެންމެ ފުރަތަމަ ފާހަގަވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުޑަކުއްޖަކު ޕޮޒިޓިވްވެގެން ރެންޑަމް ސާމްޕަލް ނެގުމުން އިތުރު ކޭސްތަކެއް ފެނުމުންނެވެ.

ގއ. އަތޮޅުގައި މިހާރު ކޮވިޑްގެ ނުރައްކާ ކުރިމަތިވެފައިވާތީ، އެ އަތޮޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން މިވަގުތު މޮނީޓަރިންގެ ޙާލަތުގައިވާ ރަށްރަށުގައި ފިހާރަތަަކަށް ދިޔުމުގެ ބަދަލުގައި ޑެލިވަރީގެ ޚިދުމަތް ފެށުމާ އެ ޚިދުމަތް ހޯދުމަށް އެޗްއީއޯސީން ބާރުއަޅަ އެވެ. އަދި އަތޮޅު ތެރޭގައި ދަތުރުފަތުރު ޢާއްމުގޮތެއްގައި ހުއްޓުމަކަށް ގެނެވިފައިވީ ނަމަވެސް އާއްމުންނަށް ލުއިތަކެއް ދިނުމުގެ ގޮތުން ބައެއް ފިޔަވަޅުތައް ލުއި ކޮށްފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ.