އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ފޯމް ހުށަހަޅުއްވައިފި އެވެ.

އިލްޔާސް ފޯމް ހުށަހަޅުއްވާފައިވަނީ މިއަދު މެންދުރުފަހު އިންތިހާބާއި ގުޅޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްއާއި އޭނާގެ ރަނިންމޭޓް ހުސައިން އަމްރު ބައިވެރިވެވަޑައިގެންނެވި އެވެ.

އިލްޔާސްގެ ފޯމާއި އިލެކްޝަނުން ހަވާލުވެވަޑައިގަތީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

އިލްޔާސްގެ ފޯމް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިލްޔާސް އަންނަނީ ރާއްޖޭގެ އެކިކަން ކޮޅުތަކުގައި ކެމްޕޭން ކުރައްވަމުންނެވެ.

އިލްޔާސްގެ އިތުރުން ރައީސް ސޯލިހާއި ކާނަލް ނާޒިމް ވެސް މިއަދު އިލެކްޝަންސްއަށް ވަނީ ފޯމް ހުށަހަޅާފަ އެވެ.

މީގެ އިތުރުން އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ފޯމު ހުށަހެޅުއްވި އެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަ ނުވާކަމަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.