ރާއްޖެއިން އަނެއްކާވެސް ހިމަބިހީގެ ކޭހެއް އިއްޔެ ފެނިފައިވާކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ އެ އޮތޯރިޓީން ބެލިބެލުމުން އެއީ ރާއްޖެއިން ބޭރުން ބަލިޖެހި ރާއްޖެއަށް އިމްޕޯޓެޑް ކޭސްއެއްގެ ގޮތުގައި ފާހަގަވެފައިވާ ކޭސްއެއްކަމަށެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހާއާ ގުޅުންހުރި މީހުން ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ދެ ޑޯޒް ވެކްސިން ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ޖެހުން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިދިޔަ މަހުގެ 25ވަނަ ދުވަހު ވެސް ވަނީ މާލެއިން ހިމަބިހީގެ ކޭސްއެއް ފެނިފަ އެވެ.

ހިމަބިހި ޖެހިފައިވާ މީހެއްގެ ކިބައިން ފެންނާނެ ބައެއް އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަމުގައި ރަތްބިހި ނެގުން ހިމެނެއެެވެ. އަދި ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމުގެ އިތުރުން ލޯ ރަތްވުން ވެސް ހިމެނެއެވެ. ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑަބްލިއުއެޗްއޯ އިން ވަނީ ހިމަބިހި ރާއްޖެއިން ކޮންޓްރޯލް ކުރެވިފައިވާ ކަމުގެ ލިޔުމެއް ދީފަ އެވެ.

މި އަހަރުގެ ތެރޭގައި އައްޑޫ ސިޓީން ވެސް ވަނީ ހިމަބިހީގެ ކޭސްއެއް ފެނިފަ އެވެ.