ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ގާސިމް އިބްރާހީމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރު މ. ކުނޫޒުން ފެށިގެން ހިންގަވާފައި ސަޕޯޓަރުންނާއެކު ގާސިމް ދަރުބާރުގެއަށް ވަޑައިގެންނެވިއިރު، ގާސިމަށް ތާއީދުކުރައްވާ ގިނަ ފަރާތްތަކެއް މި ހިނގާލުމުގައި ބައިވެރިވެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނަށް ފޯމު ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ގާސިމްގެ ރަނިންމޭޓް އަމީން އިބްރާހިމާއި، ޖުމްހޫރީ ޕާޓީގެ އިސްގިނަ ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ.

ގާސިމާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ބައިވެރިވި އެވެ.

ގާސިމް ހުށަހެޅުއްވި ފޯމާއި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގެވެ.

“ހާސްކަނޑާލާ ހަމަޖެހޭނެ” ޝިޢާރުގެ ދަށުން ޤާސިމްގެ ކެމްޕޭން ކުރިއަށް ގެންދާއިރު އެޕާޓީއަށް ގިނަ ޢަދަދެއްގެ މެންބަރުން ދަނީ ގުޅެމުންނެވެ. އަދި އެޕާޓީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.

ގާސިމްގެ އިތުރުން މިއަދު ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުވެސް އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށައަޅާފަ އެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުން ރައީސް ސޯލިހާއި ކާނަލް ނާޒިމް އަދި އިލްޔާސް ލަބީބުގެ ފޯމް ވަނީ ސައްހަ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އިންތިހާބަށް ވާދަކުރުމުގެ ފަހުވަގުތަކީ މިއަދު މެންދުރު 2:00 އެވެ.