ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައިގަނެފި އެވެ.

އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލްޔާސް ފޯމް ހުށަހަޅާފައި ވަނީ އިއްޔެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި، ދަ ޑިމޮކްރެޓްސްގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި އިލްޔާސް ލަބީބުގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ.

"އިލްޔާސް ލަބީބުގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، އޮނަރަބްލް އިލްޔާސް ލަބީބު، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ހެނދުނު ވަނީ ޤަބޫލު ކޮށްފައި،" ހަބީބު ވިދާޅުވި އެވެ.

އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.

އިލްޔާސްގެ އިތުރުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އީސީން ބަލައިގެންފައި ވަނީ ކާނަލް ނާޒިމާއި ރައީސް ސޯލިހުގެ ކެންޑިޑެންސީ އެވެ.

މިއަދު 2:00 ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވާއިރު މިހާތަނަށް އިންތިހާބުގައި ވާދަކުރެއްވުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ފާރިސް މައުމޫންގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓްރީގެ ނައިބު މިނިސްޓަރު ހަސަން ޒަމީލް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފަ އެވެ.