ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް ވިދާޅުވެއްޖެ އެވެ

ޕީޕީއެމް ޕީއެންސީ ލީޑާޝިޕްގެ ތާއިދު ޑރ. މުއިއްޒުއަށް އޮތްކަން ހާމަކުރެއްވުމަށް މިރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ތާއީދާއި ކޯލިޝަން ދެޕާޓީގެ ފުރިހަމަ ތާއީދު ޑރ. މުއިއްޒުއަށް އެބައޮތް ކަމަށެވެ.

ޕީޕީއެމްގެ ލީޑާޝިޕުން މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގެ ނުފެންނާތީ މުއިއްޒުއާ ޕީޕީއެމް ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުންނާ އޮތް ގުޅުން ކެނޑިފައިވާ ކަމަށް އަޑުފެތުރިފައިވާ އެވެ.

އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ހިޔާލު ތަފާތުވުން ހުއްޓަސް މިހާރު ހިޔާލު އެއްގޮތް ކުރެވިފައިވާ ކަމަށެވެ. ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް ކުރިއަށް އޮތް އިންތިހާބު މުއިއްޒުއަށް ކާމިޔާބުކުރުމުގައި އެއްބާރުލުން ދޭނެ ކަމަށެވެ.

"ހިޔާލުތަފާތުވުން ނެތީމައޭ އަޅުގަނޑުމެން އެންމެން މިތާ މިތިބީ އެވަރުން ފުދޭނެހެން ހީވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމިނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެކަން އިއުލާން ކުރުމުން އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވި އެވެ.

އެހެން ނަމަވެސް ޕީޕީއެމް ޕީޕީއެމް ސެނެޓުން ނިންމާފައި ވަނީ އިންތިހާބުގައި ވާދަކުރުމަށެވެ. އެއާ އެކު ޕީޕީއެމްގެ ލީޑާޝިޕްގައި ހިޔާލުތަފާތުވުން އުފެދި ބައިބައިވި އެވެ.