ރިސޯޓްތަކުން ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ހުއްޓާލައިފިނަމަ، ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފި އެވެ.

މަޓީން މިހެން ބުނެފައި ވަނީ ރިސޯޓްތަކުން ކަނޑަށް ކުނި އަޅާ މައްސަލާގައި އެ ޖަމްއިއްޔާގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީއަށް ހާޒިރުކޮށް މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

މަޓީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ވެމްކޯގެ އިސް ބޭފުޅުން ވަނީ މިއަދު އެ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ ރިސޯޓްތަކުން ކަނޑަށް އަޅަނީ ކާބޯތަކެތިން އުފެދޭ، ފަސޭހައިން ހަލާކުވާ ކުނި ކަމަށެވެ. އަދި އެކަން ކުއްލިއަކަށް ހުއްޓާލައިފިނަމަ އެންމެ ބޮޑަށް އުނދަގޫވާނީ ސަފާރީތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ދެ ހަފްތާގެ ތެރޭގައި ކުނި އުކަން ރަށްރަށަށް ދާން ސަފާރީތަކަށް އުނދަގޫ ކަމަށާއި އެހެންކަމުން ކުނި އުކާލެވޭނެ ގޮތެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.

ކުނި އުކާލެވޭނެ ގޮތެއް ހަމަނުޖައްސައި ކުއްލި ކުއްލިއަށް ގަވާއިދު ހަދައި ސަފާރީތައް ޖޫރިމަނާ ކުރަން ފަށައިފިނަމަ ސަފާރީ އޮޕަރޭޓަރުން ބަނގުރޫޓުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިސޯޓްތަކުން ކަނޑަށް ކުނިއެޅުން ހުއްޓުވުމަށްޓަކައި ކުނި މެނޭޖްކުރާ ފެސިލިޓީތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރަންޖެހޭ ކަމަށް މަޓީން ވަނީ ބުނެފަ އެވެ.