ޕީޕީއެމް ޕީއެންސީ އިން ރިޔާސީ އިންތިހާބަށް ނިކުންނަވާ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގައި ވާދަ ކުރައްވަނީ އެ ދެ ޕާޓީގެ ސެނެޓު ގަނެލައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ތަރުޖަމާން މާރިޔާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެމްޑީޕީ ނޫން އެހެން އެއްވެސް ޕާޓީއަކުން ރައްޔިތުންގެ ހައްގުގައި ކަމެއް ކޮށްދޭނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި މާބޮޑު ސަމާލުކަމެއް ދޭ ކެންޑިޑޭޓަކު ނުފެންނަ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރިޔާސީ ޓިކެޓުގައި ނިކުވެވަޑައިގެން ހުންނެވި ބޭފުޅަކު ވެސް ދައްކަވަނީ ރައީސް ޔާމީންގެ ވާހަކަ އެކަނި ކަމަށެވެ.
"މިސާލަކަށް ދަންނަވާ ކަމުގައިވާ ނަމަ ޕީޕީއެމްގެ ކެންޑިޑޭޓް މުއިއްޒު ވިދާޅުވަނީ ތިމަންނަމެން ނުކުމެ މި ތިބީ ރައީސް ޔާމީނަށްޓަކައޭ، ދެން ރައްޔިތުން ކޮބައިތޯއޭ ސުވާލަކީ،" މާރިޔާ ވިދާޅުވި އެވެ.
މުއިއްޒު ރިޔާސީ ޓިކެޓު ޔަގީން ކުރަން ޕީޕީއެމް ދޫކުރައްވާ ޕީއެންސީއަށް ވަޑައިގެންނެވިގޮތް ވެސް އެންމެންނަށް ވެސް ވަރަށް ސާފު ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ރައީސް ޔާމީން އެދިވަޑައިގެންފައިވަނިކޮށް ޑރ. މުއިއްޒު ރިޔާސީ ޓިކެޓު ހޯއްދެވީ ޕީޕީއެމް ޕީއެންސީ ސެނެޓު ގަނެލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީން އެކި ގޮތް ގޮތަށް ވިދާޅުވެވެ ހުއްޓާ، ހަމަ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ސެނެޓް ގަނެލައިގެން މުއިއްޒު ކެންޑިޑޭޓަކަށް ނުކުމެ ވަޑައިގެން ހުންނަވާ ތަން،" މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ގިނަ ކެންޑިޑޭޓުންނަށް މާރިޔާ ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވޭތުވެ ދިޔަ ފަސް އަހަރު ރައްޔިތުންނަށް ފިލައިގެން އުޅުމަށް ފަހު ރައްޔިތުންނަށް ފެންނަން ފެށީ ރިޔާސީ އިންތިހާބާ ދިމާކޮށް ކަމަށް މާރިޔާ ވިދާޅުވި އެވެ.