އައިފޯން 15 ބާޒާރަށް ނެރެން މަސް ދުވަހަށްވުރެ ކުޑަވެފައިވާއިރު އެޕަލްއިން މިވަނީ އެންމެ ފަހުގެ އައިއޯއެސް 17 ސޮފްޓްވެއާ ވެސް އިއުލާން ކޮށް އޭގެ ޓްރައަލް ވާޝަން އެއް ނެރެފަ އެވެ.

އެގޮތުން މި އަޕްޑޭޓާއެކު އައިފޯނުތަކަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ގިނަ ބަދަލުތަކަކީ ޑިސްޕްލޭއަށް ގެންނަ ބަދަލުތަކެވެ.

އެގޮތުން އެންމެ ބޮޑު ބަދަލަކަށް އައިއޯއެސްގެ އެންމެ ފަހުގެ ވާޝަންގައި ފާހަގަ ކުރެވިފައިވަނީ ފޯނު ކަނޑާލަން ބޭނުން ކުރާ ފިތް ފޯނުގެ މެދުން ކަނާތް ފަރާތު އަރިމައްޗަށް ބަދަލު ކުރުމެވެ.

އައިފޯނުތަކާއި އެންޑްރޮއިޑް ފޯނުތަކުގައި އޮތް އެންމެ ބޮޑު އެއް ތަފާތަކީ ވެސް މިއީ އެވެ. އެހެން ނަމަވެސް އެޕަލްއިން މި ގެންނަ ބަދަލާއެކު އެކަން ވެސް ބަދަލުވީ އެވެ.

މީގެ އިތުރުން އައިއޯއެސްގެ އެންމެ ފަހުގެ ވާޝަންގައި ޑިސްޕްލޭގެ ފިތްތަކުގެ އޯޑަރާއި އޭގެ ތިރީގައިވާ ލިޔުންތަކަށް ވެސް ބަދަލު އަންނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ފޯނު ކަނޑާލާ ފިތް ހުންނަ ތަން ބަދަލު ކުރެވުނު ނަމަވެސް ފޯނު ކަނޑާލެވޭނެ އިތުރު ގޮތްތައް ވެސް އައިފޯނުގައި ހުރެ އެވެ. އެގޮތުން ވަޔާލެސް އިއާފޯން ބޭނުން ކޮށްގެންނާއި އަރިމަތީ ފިތް ނުވަތަ ސިރީ ބޭނުން ކޮށްގެން ވެސް ފޯނު ކަނޑާލެވެ އެވެ.

މި ބަދަލުތަކުގެ އަޑު ގަދަވެފައިވާއިރު އައިފޯން ގެންގުޅޭ މީހުންގެ ފަރާތުން މި ބަދަލުތަކަށް ދެކޮޅުގެ ޚިޔާލުތައް އަންނަނީ ދެމުންނެވެ.