ޕީޕީއެމްގެ މެމްބަރުން މަގުމަތިވި ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.
ޕީޕީއެމްގެ ކުރީގެ ހާއްސަ އެޑްވައިޒަރު ރައީސް ވަހީދު މިދިޔަ ހުކުރު ދުވަހު ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ. އަދި ޖެހިގެން އައި ދުވަހު އެމަނިކުފާނު ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވާފަ އެވެ.
ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ޑރ. ވަހީދު ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން މަގުމަތިވެފައިވާ ކަމަށެވެ. ޕީޕީއެމްގެ އެތެރޭގެ ޑީމޮކްރަސީއެއް ނެތް ކަމަށާއި އެކަމުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަ ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޑރ. ވަހީދު ވިދާޅުވީ ވޯޓު ކަރުދާހުގައި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ނަން ނެތްއިރު އެޕާޓީގެ ލޯގޯ ވެސް އަދި ޕާޓީގެ ކުލަ ވެސް ވޯޓު ކަރުދާހުގައި ނެތް ކަމަށެވެ.
ހއ. އިހަވަންދޫގައި ބޭއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދުގެ އެވާހަކަތަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ރައްދުދެއްވާފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ އެއްވެސް މެމްބަރަކު މަގުމަތިނުވާ ކަމަށެވެ. އަދި މިއަދު މަގުމަތިވީ ޕީޕީއެމްއިން ވަކިވެގެން ދިޔަ ބޭފުޅުން ކަމަށެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ މެމްބަރުންނާ ލީޑާޝިޕް އޮތީ ވަރުގަދަކޮށް ބަދަހިކޮށް ކަމަށެވެ. މިހާރު ޕީޕީއެމް ކޯލިޝަންގައި ތިބީ ހަމައެކަނި ޕާޓީއަށް ވަފާތެރި މެމްބަރުން ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އަމިއްލަ އެދުން އިސްކޮށް ވަޑައިގެން ބޭފުޅަކު ވަޑައިގަތީ. ޕީޕީއެމް ޕީއެންސީން ހިޔާނާތްތެރިވިޔޭ ވިދާޅުވާނީ ލަދެއް ހަޔާތެއް ނެތީމަ،" އަދުރޭ ވިދާޅުވި އެވެ.
ޕީޕީއެމްގެ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ރައީސް ވަހީދު އެ ޕާޓީން ވަކިވެވަޑައިގަތްއިރު، އެމަނިކުފާނު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަން މަސައްކަތް ކުރެއްވި ކަމުގެ އަޑުތައް ފެތުރުނެވެ. އެމަނިކުފާނު ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުށުގެ ރެކޯޑު ވެސް ސާފު ކުރައްވާފަ އެވެ.