ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީ ވަކިން ހިންގަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު ނ.އަތޮޅަށް ކުރައްވާ ކެމްޕޭންގައި އެއަތޮޅުގެ ލަންދޫގައި ބޭއްވި ޖަލްސާގައި ރައިސް ސޯލިހު ވިދާޅުވީ ކުޅިވަރާއި ޒުވާނުންނަށް މިހާރު ދެމުން އަންނަ ފޯކަސް އެހާ ރަނގަޅު ނޫން ކަމަށެވެ.
"މި ދެ ދާއިރާއަށް އިތުރަށް ފޯކަސް ކުރުމަށްޓަކައި ދެ ދާއިރާ ވަކިކޮށް ދެ މިނިސްޓްރީއެއްގެ ދަށަށްލައި ސިޔާސަތުތައް ތަންފީޒު ކުރަމުންގެންދާނަން. ޔޫތު އެންޑް ސްޕޯޓްސް އޭގެ ދަށަށް އެއްކޮށްލާފައި އެކަން ކުރީމާ ދެ ބައި މީހުން ވެސް، ކުޅިވަރު ކުޅޭ ޒުވާނުން ވެސް އަދި އެހެން ފަންނުގެ ޒުވާނުންގެ ވެސް މީގައި އެބަހުރި ޝަކުވާތަކެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ޒުވާނުންނަކީ މާދަމާ ގައުމު ހިންގަން ތިބި މީހުން ކަަމަށްވާއިރު އެ މީހުންނަށް ބަސްބުނުމުގެ ފުރުސަތުދީ ޒުވާނުންނާ ގުޅޭ ސިޔާސަތުތައް ހަދާއިރު އެ މީހުން ބައިވެރިކުރަންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ރަށްތަކުގައި ކުޅިވަރުގެ އެކި ދާއިރާތަކަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް މިހާރު ގާއިމުކޮށްދެވިއްޖެ ކަމަށެވެ. އަދި ކުޅިވަރު ކުޅޭ ޒުވާނުންނަށް ސިޓީ ތަކުގައި ސްޕޯޓްސް ކޮމްޕްލެކްސް ހަދައިދީ، ޔޫތް ސެންޓަރުތަކުގައި ވަސީލަތްތައް އިތުރުކޮށް ޒުވާނުންގެ މެދުގައި މިހާރު މަގުބޫލު ވެފައިވާ، އީ-ސްޕޯޓްސް، މާޝަލް އާޓްސް، ކައިޓް ސާފިން، ރޭސިން، ސްކޭޓިން އަދި ޕާކޯ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތްތައް ވެސް ބައެއް ރަށްތަކުގައި ގާއިމުކުރެވިއްޖެ ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން މޫދު ކުޅިވަރުތައް ކުރިއަރުވަން އިސްކަންދިނުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރާއްޖެއިން ބޭރުގައި މަސައްކަތް ކުރާ ރާއްޖޭގެ ފަންނުވެރިންނަށް ރާއްޖެ އައިސް މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރޭ ނ.ވެލިދޫގައި ބޭއްވި ޖަލްސާގައި ނެރުނު އެމްޑީޕީގެ މެނިފެސްޓޯގެ "އާ ޒުވާން ޖީލު" ސިޔާސަތުގައި ބުނެފައިވަނީ ޒުވާނުން އިތުރަށް ބާރުވެރިކުރުމަށްޓަކައި ޔޫތު އާއި ސްޕޯޓްސް ވަކިކޮށް އެދެ ދާއިރާއަށް ވަކިން މިނިސްޓްރީއެއް އުފައްދާނެ ކަމަށެވެ. އަދި ޒުވާނުންނާ ގުޅޭ ސިޔާސަތުގައި ބޯހިޔާވަހިކަމާއި ސިއްހަތާއި މުނިފޫހިފިލުވުން ހިމެނޭހެން ޒުވާނުންނާ ގުޅޭ މައިގަނޑު ހުރިހާ ދާއިރާއަކުން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަން ހިމަނާފައިވެ އެވެ.