ކ. މާފުށީގައި ހިއްކި ބިން ގިރަން ފަށާފައިވާ ކަމަށާއި މިހާރު އެ ޕްރޮޖެޓްގެ ވާނުވާއެއް މިހާރު ނޭނގޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު އެ ބިމަކީ މާފުއްޓާ ކައިރީގައި ވަކި ރަށެއްގެ ގޮތުގައި ހިއްކާފައިވާ ބިމެކެވެ. އަލަށް ހިއްކި ބަޔާއި މާފުއްޓާ ކޯޒްވޭއަކުން ގުޅުވާލަން ވެސް އޮތީ ނިންމައިފަ އެވެ.

ކައުންސިލް ރައީސް އުސްމާން ރަޝީދު "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓްގެ ދަށުން ބިން ހިއްކާ ނިންމާލުމުން އެކަނި ނުފުދޭ ކަމަށެވެ.

"މިހާރު އެތަނުގައި ރިވެޓްމަންޓް ނުޖަހައި އޮތުމުން އެދަނީ ވެލިގަނޑު ގިރަމުން. އެތަނުގެ އެއްވެސް މަސައްކަތެއް ނުކުރާތާ މިހާރު ތިންމަސްވެއްޖެ،" އޭނާ ވިދާޅުވި އެވެ. "އެމްޓީސީސީން އެތަނުގެ މަސައްކަތަށް ގެންގުޅުނު ސާމާނު ވެސް މިހާރު ވަނީ ގެންގޮސްފައި."

އުސްމާން ވިދާޅުވީ ބިން ހިއްކުމަށްފަހު އެތަނުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިޔަށް ނުގެންދާތީ ސަރުކާރުގެ ކަމާ ބެހޭ މިނިސްޓްރީއަށް ވެސް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެއްވެސް ސިޓީއަކަށް ޖަވާބެއް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް އޮފީހުން ގުޅާފައި ބުނީ ވެގެން އުޅޭ ގޮތް އޮޅުފިލުވައިދޭށޭ. ދެން އަޅުގަނޑު ކިޔައިދިނިން އެތަނުގެ ވެލިގަނޑު ގިރައިގެންދާ ވާހަކަ،" އެމްޑީޕީއަށް ނިސްބަތްވާ އެ ކައުންސިލަރު ވިދާޅުވި އެވެ.

މާފުށީގެ ބިން ހިއްކުމުގެ ޕްރޮޖެކްޓު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އޮގަސްޓް، 27، 2019ގަ އެވެ. މި ޕްރޮޖެކްޓަށް 99.98 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން އޭރު ލަފާކުރި އެވެ.

ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ އެ ބިމަކީ މާފުއްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ހިއްކާފައިވާ ބިމެކެވެ. މާފުއްޓަކީ ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ރަށަށް ވާއިރު އަލަށް ހިއްކި ބައިން ވިޔަފާރިތަކަށް ބިން ދޫކުރުމަށް ވެސް އޮތީ ނިންމައިފަ އެވެ.