ޓެކްނޮލޮޖީ ދުނިޔޭގެ އެންމެ ބޮޑު ދެ ޝަހްސިއްޔަތުން ކަމަށްވާ އިލަން މަސްކްއާއި މާކް ޒަކަބާގްގެ މެދުގައި ބާއްވަން ހަމަޖެހިފައި އޮތް "ކޭޖް ފައިޓް" ކުރިމަތިލުމުން ޒަކަބާގް ފަހަތަށް ޖެހިއްޖެ އެވެ.

އޮގަސްޓް 13 ވަނަ ދުވަހު ޒަކަބާގް ކުރި ތުރެޑްސްގެ ޕޯސްޓެއްގައި އޭނާ ބުނީ ކުރިމަތިލުމުގެ ވާހަކަތަކަކީ އިލަން ސީރިއަސްކަމާއެކު ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި އެކަން ހަނދާން ނައްތާލައި ކުރިއަށް ދާން ވެއްޖެ ކަމަށެވެ.

ޒަކަބާގް މިހެން ބުނުމުގެ ދުވަސްތަކެއް ކުރިން އިލަން ވަނީޔ ކުރިމަތިލުން އޮންނާނީ އިޓަލީގައި ކަމަށާއި އެހެން ނަމަވެސް ކުރިމަތިލުމުގެ ކުރިން އޭނާގެ ސާޖަރީއެއް ކުރަން ޖެހިދާނެ ކަމަށެވެ.

ވަރަށް ފަހަކާ ޖެހެންދެން ވެސް ޒަކަބާގް ހުރީ ކުރިމަތިލުމަކަށް ތައްޔާރަށެވެ. އެގޮތުން އިލަން ކުރަންވީހާ ވެސް ކަމަކީ ތާރީހެއް ކަނޑައެޅުން ކަމަށާއި އެހާ ހިސާބުން އޭނާގެ ފަރާތުން އާނބަސް އިވޭނެ ކަމަށް ޒަކަބާގް ބުނެފައިވެ އެވެ.

އެހެން ނަމަވެސް އެންމެ ފަހު ވަގުތު ކުރިމަތިލުމުން ފަަހަތަށް ޖެހުމުން އިލަން ވަނީ ޒަކަބާގްއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެގޮތުން ޒަކަބާގްއަކީ "ފިނޑި ކުކުޅެއް" ކަމަށް އިލަންގެ ޓްވީޓްގައި ބުނެފައިވެ އެވެ.

ފޭސްބުކްގެ ބާނީ މާކް ޒަކަބާގްއާއި ޓްވިޓާގެ ވެރިޔާ އިލަން މަސްކްއަކީ ޒަމާނުއްސުރެ ވެސް ވިޔަފާރީގެ ވާދަވެރިކަމުގައި އެކަކު އަނެކަކަށް ގޮން ޖަހަމުން އަންނަ ދެ ފަރާތެވެ.