ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ކުންފުންޏަށް ކަސްޓަމްސް އިން ދައްކަން ޖެހުނު 22 މިލިއަން ރުފިޔާ ދެއްކުމުގެ ގޮތުން ކޮންމެ މަހަކު ހަތަރު މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ސިވިލް ކޯޓުން އަންގައިފި އެވެ.
ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ސީޖީޓީއަށް ކަސްޓަމްސުން 22.7 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން 2019 ވަނަ އަހަރު ހުކުމްކުރީ 2017 ވަނަ އަހަރު ސިނގިރެޓްގެ އިމްޕޯޓް ޑިއުޓީ އަގު ބޮޑު ކުރިއިރު އެ ކުންފުނިން ރާއްޖެ ގެނައި ސިގިރެޓް ޝިޕްމަންޓެއްގެ ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އިން ކަނޑައެޅި އަގާ މެދު ހިތްހަމަނުޖެހިގެން އެ ކުންފުނިން ކޯޓަށް ދިއުމުންނެވެ.
އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ކަސްޓަމްސާއި ސީޖީޓީއާ ދެމެދު މިދިޔަ މަހު ހެދި އެއްބަސްވުމުގެ ދަށުން މިމަހުން ފެށިގެން އަންނަ މެއި މަހުގެ ނިޔަލަށް ކޮންމެ މަހަކު 4 މިލިއަން ރުފިޔާ ކަސްޓަމްސް އިން ސީޖީޓީއަށް ދެއްކުމަށެވެ. އަދި ބާކީވާ ހުރި ފައިސާއަކީ އެ އެއްބަސްވުމުގެ ދަށުން ސީޖީޓީން ރާއްޖެ އެތެރެކުރާ މުދަލުގެ ޑިއުޓީން ކަނޑަން ޖެހޭނެ ފައިސާ ކަމަށް އެ ހުކުމުގައިވެ އެވެ.
ސީޖީޓީން 2017 ގައި ގެނައި ޝިޕްމަންޓަށް އަގު ކަނޑައެޅީ އޭރު ބޮޑުކުރި ޑިއުޓީއަށް ބަލައިގެންނެވެ. އެ އަގު ރަނގަޅު ކަމަށް ކަސްޓަމްސްއިން ކޯޓުގައި ވަކާލާތު ކުރަމުން ދަނިކޮށް 2019 ވަނަ އަހަރު ބަންޑާރަ ނައިބުގެ އޮފީހުގެ ސްޓޭންޑް ބަދަލުވެ، އެންމެ ފަހު ވަގުތު ވަނީ ކަސްޓަމްސް އިން އަގު ކަނޑައެޅި ގޮތް ގޯސް ކަމަށް ބުނެފަ އެވެ. އެހެންވެ. ކޯޓުން ނިންމީ އިތުރަށް ސީޖީޓީން ދައްކާފައިވާ 22.7 މިލިއަން ރުފިޔާ އެ ކުންފުންޏަށް އަނބުރާ ލިބެން ޖެހޭނެ ކަމަށެވެ. އޭރު ކޯޓުން ހުކުމްކުރީ ހަ މަސް ތެރޭގައި އެ ފައިސާ ދެއްކުމަށެވެ.